ޚަބަރު

ކުންފުނީގެ ޤާނޫނަށް ގެންނަ އިސްލާހަކީ މިވަގުތަށް މުހިންމު އިސްލާހެއް: މެންބަރުން


  • ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލުތަކަށް ފަހި ފުރުުސަތުތައް ތަނަވަސްވާނެ

  • ކޯޕަރޭޓް ގަވަރނަންސް އިތުރުވެގެންދާނެ

ކުންފުނީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މިވަގުތައް މުހިންމު އިސްލާހުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.

ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާޙުގައި ވަނީ ހުށަހަޅާފައެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމަށް ދައުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައެވެ. އަދި ޖަލްސާ ބޭއްވުމަށް 3 މަސް ދުވަހުގެ މުހުލަތެއް ދީފައި އޮވެއެވެ.

މީގެ އިތުރުން ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް 7 ދުވަސް ކުރިން ނޯޓިސް ފޮނުވުމަށްވެސް އިސްލާހުގައިވަނީ ހިމަނާފައެވެ. މިހާރު ޤާނޫނު އޮންނަގޮތުން މި ނޯޓިސް ދިނުމަށް ދޭން ޖެހެނީ 14 ދުވަސް ކުރިންނެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ބިލު ހުށަހަޅުއްވައިދެއްވަމުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލުތަކަށް ފަހި ފުރުޞަތުތައް ތަނަވަސްވެ، ކޯޕަރޭޓް ގަވަރނަންސް އިތުރުވެގެންދާނެ ކަމަށެވެ.

"މި އިސްލާހުތަކުގެ ސަބަބުން ކޯޕަރޭޓް ގަވަރނަންސް ރަނގަޅުވެ ހިއްސާދާރުން ހިމާޔަތްކޮށް، ކޮމްޕްލަޔަންސް އިތުރުވެ، ބައިނަލްއަގުވާމީ މިންގަނޑުތަކާ ދާދި އެއް ހަމައެއްގައި ހިފެހެއްޓޭނެ. މި އިސްލާހަކީ ވިޔަފާރީގެ މޮޑެލްތަކާއި ޓެކްނޮލޮޖީއާއި ޝަރުޢީ މާނަތައް ޤާނޫނުން މަގުދައްކާނެ އިސްލާހެއްކަން ކަށްވަރުވާނެ އިސްލާހަކަށްވާނެ،" ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މިވަގުތައް ކޮންމެހެން މުހިންމު އިސްލާހެއް ކަމަށެވެ.

އެގޮތުން، ބީއެމްއެލްގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް 21 ސެޕްޓެމްބަރުގައި ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނިކޮށް އެ ކުންފުނީގެ ސީއީއޯ އިސްތިއުފާ ދެއްވާފައިވާއިރު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އިތުރު ޖަލްސާއެއް ބާއްވަންޖެހޭ ކަމަށެވެ. އެ ޖަލްސާތައް ބާއްވާ މުއްދަތު އަވަސް ކުރުމަކީ ކުންފުނިތައް ހަރުދަނާގޮތެއްގައި ހިންގުމަށް ކުރެވޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މި އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް. އެއީ ކުންފުނީގެ ބޯޑަށް އައްޔަން ކުރެވިފައިވާ މެންބަރުން ރަށުގައި ވަޑައިންނޫޅުއްވާތީ ނޫނިއްޔާ ބޯޑަށް ހާޒިރުނުވެ ބޯޑުގެ ޖަލްސާތައް ނުބޭއްވިގެންދާ ހާލަތެއްގައި ނޯޓިސްގެ މުއްދަތު ކުރުކޮށް މިގޮތަށް ޤާނޫނު ފަހިކޮށްދިނީމަ ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ،" ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވިއެވެ.

ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ގިނަ މެންބަރުންތަކެއް ވަނީ ތާއީދުކޮށްފައެވެ. އެހެންނަމަވެސް އިދިކޮޅުގެ ބައެއް މެންބަރުން ވަނީ މިއީ މިވަގުތައް މުހިންމު ބިލެއް ނޫންކަން ފާހަގަކުރައްވާފައެވެ.

ކުންފުނީގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

މި ބިލު މަޖިލީހުން ވަނީ ބަލައިގެން ބިލު ދިރާސާ ކުރުމަށްޓަކައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. އަދި އެކޮމެޓީގައި ބިލު ދިރާސާކުރެއްވުމަށްފަހު، އިތުރު އިސްލާހެއް ނުގެނެސް، މި ބިލު ފާސްކުރުމަށް ވަނީ ނިންމަވާފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ އިޤްތިޞާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިއްތިފާޤުންނެވެ.