ޚަބަރު

މުދަލު ޒަކާތުގެގޮތުގައި 73.8 މިލިޔަން ރުފިޔާ، މިއީ %9.8 އިތުރު އަދަދެއް


  • މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9353.40 ރުފިޔާ

މުދަލު ޒަކާތުގެގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް 73.8 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ދައުލަށް 73.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 67.1 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބިފައިވާ އަދަދުވަނީ %9.8 އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޖުލައިމަހުއެވެ. އެގޮތުން އެމަހުވަނީ މުދަލު ޒަކާތުގެގޮތުގައި 15.5 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އޮގަސްޓުމަހު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 8.5 މިލިޔަން ރުފިޔާގައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަ މެއިމަހުގެތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9353.40 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ.

އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.