ޚަބަރު

ދިވެހިރާއްޖޭން ދަނީ ޑިމޮކްރަސީގައި ކުރިއެރުންތަކެއް ހޯދަމުން: ފުވާދު


  • ޑިމޮކްރަސީގެ ނިޒާމަށް 2500 އަހަރުވީއިރު ފަހަތަށް ބައެއް ޤައުމުތަކުން ފިޔަވަޅު އެޅިފައިވޭ

  • ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ދަނީ ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން ކުރިއެރުން ހޯދަމުން

ދުނިޔޭގެ ޑިމޮކްރަސީއާއި ދިވެހި ޑިމޮކްރަސީއާއި ވަނީ ގުޅިލާމެހިފައި ކަމަށާއި، މި ނިޒާމުގައި ރާއްޖެއިން ދުވަހުން ދުވަހަށް ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ފުވާދު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސް ދަރިވަރުން ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ރަސްފަންނުގައި ބޭއްވި ޕަބްލިކް ފޯރަމް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން ފުވާދު ވަނީ ދުނިޔޭގެ ޑިމޮކްރަސީ ތަޢާރަފްވެގެން އައި ހިސާބުން ފެށިގެން މިހާތަނަށް މި ނިޒާމު ފުޅާވަމުން ދިޔަގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މީގެ 2500 އަހަރުކުރީއްސުރެ އެކި ޤައުމުތަކުން ޑިމޮކްރަސީގެ ނިޒާމު ބަލައިގަނެ އެގޮތަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މި ދިޤު ތާރީޚު އޮތްނަމަވެސް ޤައުމުތަކުގައި ޑިމޮކްރަސީ ދެމިގެންދާތަން ނުފެންނަކަމަށް ފުވާދު ވިދާޅުވިއެވެ.

"2500 އަހަރުވެގެން ދިޔައިރުވެސް، ޑިމޮކްރަސީ ގުޅިގެން ކޮންޓިނިއުޑް ގޮތެއްގައި މި ދެންނެވީ ދެމިގެން ކުރިއަރާފައިވާތަން ފެނިފައި ނުވާކަން. ޑިމޮކްރެޓިކް އުސޫލުން ވަކި ހިސާބަކަށް މަސައްކަތްގޮސް ދިރާސީ ވެރިކަމެއް ނުވަތަ އަސްކަރީ ނުވަތަ އެހެން ބާވަތެއްގެ ވެރިކަމެއް އުފެދިގެން އަންނަތަން އެބަފެނޭ. އެހިސާބުން ޑިމޮކްރަސީގެ ނަމުގައި ކުރާ ކަންތައް ވަޅުޖަހާތަން ފެނިގެންދަނީ." އިލެކްޝަންސްގެ ރައީސް ފުވާދު ވިދާޅުވިއެވެ.

އީސީގެ ރައީސް ވިދާޅުވީ، މިގޮތަށް ދުނިޔޭގެ ކަންކަން ހިންގުމުން އައިއިރު ފަހުގެ ތާރީޚުގައި ދިވެހިން ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ކުރިއެރުންތަކެއް ހޯދަމުން ދިޔަ ކަމަށެވެ.

އެގޮތުން ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން އޭގެ ފަހުން ރަސްކަމަށް ބަދަލުވިއިރުވެސް އެ އުސޫލަށް ނިޒާމު ހިންގުމުގެ ވާހަކަތައް ދެކެވުނު ކަމަށް ފުވާދު ވިދާޅުވިއެވެ. އަދި ދެވަނަ ޖުމްހޫރިއްޔާއާއެކު ރާއްޖެ މިނިޒާމުގައި ކުރިއެރުންތަކެއް ހޯދަމުން އައިސް 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއާއެކު ގިނަ ހައްޤުތަކެއް ކަށަވަރު ކުރި ކަމަށް ވިދާޅުވިއެވެ.

"އެއީ 7 އޯގަސްޓުގައި ރައީސުލްޖުމްހޫރީއްޔާ ތަސްދީޤުކުރެއްވި ޤާނޫނު އަސާސީގެ ދަށުން މީގެ ކުރިން ދިވެހިންނަށް ނުލިބޭ އެތަކެއް ހައްޤުތަކެއް ލިބިގެން ދިޔަ. ހަމަ އޭގެ މަހެއްހާ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ، އެހެން ކަމުން އަޅުގަނޑުމެންގެ ޑިމޮކްރަސީއާއި ގުޅި ލާމެހިފައި." ފުވާދު ވިދާޅުވިއެވެ.

މި ފޯރަމުގައި ޤައުމީ ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުންދާ ދަރިވަރުން ބައިވެރިވެ ޑިމޮކްރަސީ ދުވަހާއި ޑިމޮކްރަސީއާއި ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ޑިމޮކްރަސީގެ ތާރީޚާއި، މިދުވަހާގުޅޭ މުހިންމު މަޢުލޫމާތު ޕޯސްޓަރުތަކެއްގެ ގޮތުގައި އެ ސަރަހައްދުގައި ދައްކާލާފައިވެއެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. އދ. ގެ ޤަރާރަކުން ފާހަގަކުރަށން ފެށި މި ދުވަހުގެ މި އަހަރުގެ ޝިޢާރު ބިނާވަނީ، މަސްނުއީ ސިކުނޑި ބޭނުންކޮށްގެން ހަރަދުނާ ހިންގުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މައްޗަށެވެ.