ޚަބަރު

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސްކަމެއް ހިންގާފައި ނުވާނެ: ފެނަކަ


  • ތިނަދޫ ސިޓިއަށް ފެން ޕްލާންޓެއް ހޯދީ ކޮރަޕްޝަނުން ކަމަށް ބުނެ ފަތުރަނީ ދޮގު

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށާއި، ވަކިބަޔަކު އަޑީގައި ތިބެގެން ކުންފުނީގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން މިފަދައިން ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ތިނަދޫއަށް ފެންޕްލާންޓް ހޯދިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާ ނެރުނު ބަޔާނުގައެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ސިޔާސީ ފަރާތްތަކުން ރަށު ތެރޭގައި ހަލަބޮލިކަން އުފައްދާ ހިދުމަތްތަކަށް ބުރޫއަރާފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ތިނަދޫ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވިޔަނުދީ، ހިދުމަތް ދިނުމުގައި އެކުންފުނި ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ.

ފެނަކައިން ވިދާޅުވީ ތިނަދޫއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އާ ފެން ޕްލާންޓެއް ހޯދުމަށް، އެމްޑަބްލިއުއެސްސީއަށާއި ސްޓެލްކޯއަށް އެ ކުންފުނީގެ ފަރާތުން ހުށަހެޅި ކަމަށާއި ނަމަވެސް އެމްޑަބްލިއުއެސްސީން އެކަމަށް 5 ހަފްތާ ހޭދަވާނެ ކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި ސްޓެލްކޯއިން 180 ދުވަސް ހޭދަވާނެ ކަމަށް އަންގާފައިވާތީ، އެ ކުންފުނީގެ ވެންޑަރުންގެ ތެރެއިން އެ ހިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް އާރްއެފްކިޔު (ރިކުއެސްޓް ފޯ ކުއޯޓް) ކުރެވުނު ކަމަށް ފެނަކައިން ވިދާޅުވިއެވެ.

އެގޮތަށް ދެ ފަހަރަށް ފުރުސަތު ދެވުމުންވެސް އެކަމަށް އެދި ކޯޓޭޝަން ހުށައެޅީ އެންމެ ފަރާތަކުން ކަމަށާއި، އެފަރާތާއެކު އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން، ހުށައަޅާފައިވާ އަގާއި މެދު މަޝްވަރާކޮށް އަގު ކުޑަކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެން ޕްލާންޓް ހޯދުމުގައި އަމަލުކޮށްފައިވާނީ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިންކަން ފާހަގަކުރައްވާ ފެނަކައިން ވިދާޅުވީ ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަވާނެކަމަށެވެ.

ފެނަކައިން ވިދާޅުވީ އައު ފެން ޕްލާންޓްއާއެކު ތިނަދޫ ސިޓީގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.