ރާއްޖޭގެ އިޤްދިޞާދުގައި ދައުރުވާ ފައިސާގެ ތެރެއިން މެއިމަހުގެ ނިޔަލަށް ކުރީގެ ނޫޓްތަކުގެ 2.5 ބިލިއަން ރުފިޔާގެ ނޫޓް ނަންގަވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.
މިއަދުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުރީގެ ނޫޓުތައް އެމްއެމްއޭއިން ބަދަލުކޮށްދެއްވާނެކަމަށް މަރުކަޒީ ބޭންކުން ހާމަކުރައްވައެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ގުޅުވައިގެން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރަން ދިހަފަހެއްގެ ނަމުގައި އައު ނޫޓުސީރީޒް ތަޢާރަފްކުރައްވާ، އިޤްތިޞާދުގައި ދައުރު ކުރަންފެށީ ޖެނުއަރީމަހުގެ 26 ވަނަދުވަހުއެވެ. އެ ދުވަހުން ފެށިގެން ވިޔަފާރީގެ މުޢާމަލާތުތަކުގައި އައު ނޫޓާއި ކުރީގެ ނޫޓް ބޭނުންކުރުމަށް، ޖުލައިމަހުގެ ނިޔަލަށް އެމްއެމްއޭއިން ވަނީ ފުރުޞަތު ދެއްވާފައެވެ.
ވިޔަފާރީގައި ދެބާވަތުގެ ނޫޓުވެސް ބޭނުންކުރަން ދެއްވި 3 މަސްދުވަހުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ ކުރީގެ ނޫޓު އެމްއެމްއޭއިން ވަނީ އިޤްތިޞާދުގައި ދައުރުވަމުން އަންނަ ފައިސާގެ ތެރެއިން ނަންގަވާފައެވެ. މިއީ އިޤްތިޞާދުގައި ދައުރުވަމުން ދިޔަ ކުރީގެ ނޫޓުގެ 87 އިންސައްތައެވެ. ހަމައެއާއެކު މިމުއްދަތުގެ ތެރޭގައި 2.8 ބިލިއަން ރުފިޔާގެ އައު ނޫޓު އިޤްތިޞާދުގައި ދައުރުވަމުން އަންނަ ފައިސާގެ ތެރެއަށް ދޫކުރައްވާފައިވާ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.
img:http://s2.psmnews.mv/images/660x400/5884.jpg|ރަންދިހަ ފަހެއް ނޫޓް ސީރީސްގެ ނޫޓްތައް - ފައިލް ފޮޓޯ: އެމްއެމްއޭ
ކުރީގެ ނޫޓުތައް ވިޔަފާރީގައި ބޭނުންކުރުން ހުއްޓަވާލެއްވިނަމަވެސް ފަސްރުފިޔާގެ ނޫޓު ބޭނުންކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެއެވެ. އެމްއެމްއޭއިން ކުރިން ހާމަކުރައްވާފައިވާ ފަދައިން ފަސްރުފިޔާގެ ނޫޓު ބޭނުންކުރުން ހުއްޓަވާލައްވާނީ އޭގެ ބަދަލުގައި ބޭނުންކުރާނެ ފަސްރުފިޔާގެ ފައިސާ ފޮތި ތަޢާރަފްކުރެއްވުމަށްފަހުއެވެ.
ރަންދިހަފަހެއް ތަޢާރަފްކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރނަރ އަޒީމާ އާދަމް ވިދާޅުވެފައިވަނީ، ފަސްރުފިޔާގެ ފައިސާ ނޫޓްގެ ބަދަލުގައި ބޭނުންކުރާނެ ފަސް ރުފިޔާގެ ފައިސާފޮތި މިއަހަރުގެ ފަހުކޮޅު ތަޢާރަފްކުރެވޭނެ ކަމަށެވެ.
ސަލާމަތީ ސިފަތައް ވަރުގަދަކުރެއްވުމާއެކު ޒަމާނީ ފަރުމާއަކަށް ތައްޔާރުކުރައްވައި، ޕޮލިމާ ކަރުދާހަށް ޕްރިންޓްކުރައްވާފައިވާ ރަންދިހަފަހެއް ނޫޓުގެ 10 ރުފިޔާއާއި، 20 ރުފިޔާ އާއި، 50 ރުފިޔާއާއި 100 ރުފިޔާ އާއި 500 ރުފިޔާގެ އިތުރުން ރާއްޖެއަށް އަލަށް ތަޢާރަފްކުރި 1000 ރުފިޔާގެ ނޫޓު ހިމެނެއެވެ.