ޚަބަރު

ފަތުރުވެރިންގެ އަދަދުތައް 1.4 މިލިޔަނަށް، މިއީ %10.1 އިތުރު އަދަދެއް


  • މިމަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް 1،403،011 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 3،982 ފަތުރުވެރިން ޒިޔާރަތްކުރޭ

  • އެންމެ ގިނައިން އަންނަނީ ޗައިނާ ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1،403،011 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1،274،565 ފަތުރުވެރިންނާއި އަޅާ ބަލާއިރު %10.1 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3،982 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 14.6 އިންސައްތައިގެ ހިއްސާއަކާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އަންނަނީ ރަޝިއާ ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

* ޗައިނާ : 204،832 ފަތުރުވެރިން
* ރަޝިއާ : 151،973 ފަތުރުވެރިން
* އިނގިރޭސިވިލާތް : 120،609 ފަތުރުވެރިން
* އިޓަލީވިލާތް : 103،256 ފަތުރުވެރިން
* ޖަރުމަންވިލާތް : 99،113 ފަތުރުވެރިން

ސަރުކާރުން ކަނޑައަޅާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރުމަށެވެ. މިއަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 596،989 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ބޭރު ޤައުމުތަކުގައި ބާއްވާ އެކި އެކި ފެއަރތަކުގައި ބައިވެރިވުމާއި އިޝްތިހާރު ކުރުމުގެ ގިނަ ހަރާތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.