ޚަބަރު

ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ، ދެވަނަ ބޯޓުވެސް ރާއްޖޭގައި ބަނދަރުކޮށްފި


  • ފުރަތަމަ ބޯޓު ބަނދަރުކޮށްފައިވަނީ މިމަހުގެ 9ގައި

  • ބޯޓުތައް ބަނދަރުކޮށްފައިވަނީ ކުޅުދުއްފުށީ ބޭރުގައި

  • މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފިއެވެ.

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ގެންނަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ. މީގެތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މިމަހުގެ 9ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފައެވެ.

އަދި ދެވަނަ ބޯޓު "މެރިން ބެއްލާ"ވެސް މިހާރުވަނީ ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފައެވެ. ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގައެވެ.

ސަރުކާރުން ދަނީ މިޚިދުމަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިކަމަށްޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް މުވައްޒަފުން ނެގުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

މިކަމުގެ އޮފީސް އިމާރާތް ހުންނާނީ އުލިގަމުގައެވެ. އެތަނުގެ މަސައްކަތްވެސް މިހާރު ނިމިފައިވާއިރު، ޚިދުމަތް ރަސްމީކޮށް ފެށުމުގެ އެއް ދުވަސްކުރިން އެ އިމާރާތް ހުޅުވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓު ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓު ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަޙައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެނަމަ މިއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.

ސަރުކާރުގެ އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ބިން ހިއްކައިގެން އެބިމުގައި ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިއާއެކުވެސް މި ސިނާޢަތް އިތުރަށް ފުޅާވެ ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ. އަދި ވާދަވެރި މާހައުލެއްގައި ރާއްޖެ މި ސިނާޢަތުގައި ފައި ހަމަކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.