ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމު އަންނަ މަހު އިފްތިތާހު ކުރައްވާނެކަމަށް ތައުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގެ ދެވަނަ ދަންފަޅީގައި ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގެ ދެވަނަ ދަންފަޅީގައި ތަޢުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ މިދިޔަ ހަފްތާގައި ސޯޝަލް ކައުންސިލަށް ކަރުދާސް ހުށަހަޅާ، ރާއްޖޭގައި ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމު ފެށުމުގެ ހުއްދަ އެ ކައުންސިލުން ދީފައިވާކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ ޕްރޮގްރާމް އިފްތިތާހުކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމުންކަމަށް ވިދާޅުވާ ވާހަކަ ތަޢުލީމާބެހޭ ވަޒީރު ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން ޖުމްލަ 2400 އަށްވުރެ ގިނަ ޓީޗަރުން ދާއިރާއަށް ބޭނުންވާކަމަށާއި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން 250 މުދައްރިސުން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ޓިޗަރުން މަދުވިނަމަވެސް މިހާރު ދާއިރާގައި ތިބި މުދައްރިސުން ތަމްރީނު ކުރުމުގެ އައު މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ދަށުން ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމު އިފްތިތާހު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޓީޗަރުންނަކީ ވަރަށް މުހިންމު ބައެއް ކަމަށާއި، ޓީޗަރުންގެ ނަފްސާނީ ދުޅެހެޔޮކަން ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށެވެ.
"ޓީޗަރުންނަކީ ޤައުމުގެ މުސްތަޤްބަލް އަލި ކުރަން އެންމެ ބުރަ މަސައްކަތް ކުރާ އެއް ބަޔަކު. ހުރިހާ ދާއިރާގެ މީހުން ބިނާކުރާ މޭއިސްތިރިންނަކީ ޓީޗަރުން. ރާއްޖޭގެ ތައުލީމީ ނިޒާމުގައި މަސައްކަތް ކުރައްވާ މުދައްރިސުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މުދައްރިސުންނަކީ އަންހެން މުދައްރިސުން. ޓީޗަރުން ހުކުރު ދުވަހު މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ވާނީ ކަނޑައަޅާފައި. އެބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިޔާއަތްކޮށް އާއިލާއަށް ވަގުތުދިނުމުގެ ގޮތުން މިގޮތަށް މި ކަނޑައެޅީ." ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން، ބައެއް ކުދިން ޓީޗަރަކަށްވުމުގެ އަޒުމް ކަނޑައަޅާ، ދާއިރާއަށް ނިކުތުމަށް އެދިވަޑައިގެންފައެވެ. އަދި ދާއިރާއަށް ރަނގަޅު މުދައްރިސުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މުދައްރިސްކަމަށްވުރެ އިހްތިރާމާ ލޯބި ލިބޭނެ ވަޒީފާއެއް ނޯންނާނެކަމަށްވެސް ތައުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.