ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަނީ އިންތިހާއަށް ބޮޑު ފައިދާއަކާއެކުކަމަށާއި، ބޭސް ވިއްކުމުގައި އެވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަމަށެވެ.
ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެކަމަށާއި، މިބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އާސަންދައަށް ކުރެވޭ ޖުމްލަ ހޭދައިގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހޭދަކުރެވެނީ ޑޮކްޓަރީ ބޭހަށްކަމަށެވެ. އެހެންކަމުން ރައީސްގެ މިފިޔަވަޅަކީ ކޮންމެހެންވެސް އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މި ފިޔަވަޅުތަކާ އަދި ބޭހުގެ ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ގެނެވޭ ބޭސްތަކާއެކު ފެންވަރު ރަނގަޅު ބޭސް އަގުހެޔޮކޮށް ދިވެހި ރައްޔިތުންނަށް ކަށަވަރުވެގެންދާނެކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހާމެދު އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް އޮވެއެވެ. ބޭސް ލިބުމުގައި ހުންނަ ދަތިތަކުގެ ވާހަކައެވެ. އަދި ބައެއް ބޭސްތައް އަގުބޮޑުވުމާއި ކޮލިޓީގެ ޝަކުވާތަކެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރިޔަސް ބޭސް ގަންނަން ޖެހެނީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ.
މާނައަކީ ބޭސް އުފައްދާ ކުންފުނިން ރާއްޖެއަށް ސީދާ ބޭސް ނުލިބުއެވެ. މިގޮތަށް ބޭސް ގެންނަންޖެހުމުން ދުނިޔޭގެ ނިސްބަތަށްވުރެ ރާއްޖޭގައި ބޭހުގެ އަގު 15 ގުނަ ބޮޑުވެގެންދެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު 70 ގުނަ އަގުބޮޑުވެގެންދެއެވެ.
ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކަށް ވެވަޑައިގެންނެވީ ޙައްދެއް ނެތި ބޮއްސުންލާފައިވާ ޒަމާންވީ މައްސަލައަށް ޙައްލެއް ގެނެސް ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމެއް ގެނެސްދެއްވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ރިޔާސީ ވަޢުދުފުޅުގެ ދަށުން ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މާލީ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމާއެކު އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ލިބިގެންދާނެއެވެ.
މި ނިޒާމުގެ ތެރެއިން ގެންނަނީ ޔޫރަޕްގެ ޤައުމުތަކުގައި ބޭނުންކުރުމަށް އެ ޤައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސްތަކެވެ. މި ބޭސްތައް ރާއްޖެއަށް ގެންނަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުޙަލާގައި މިއަހަރުގެ ފުރަތަމަ 7 ބާވަތުގެ ބޭސް ދައުރުކުރަން ފެށުމަށްވަނީ ހަމަޖެހިފައެވެ. ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ފުރިހަމަކުރުމާއި އެއަށްފަހު އިތުރު 3 ބޭސް ދައުރު ކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދެވަނަ މަރުޙަލާގެ ދަށުން ގިނަ ބޭސްތައް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން އެތެރެކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް ނިޒާމުގެ ތެރެއަށް ގެނައުމަށްވެސްވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ ބޭސްފަރުވާގެ ނިޒާމް، އާސަންދަ ސްކީމުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭހަށްކަމަށާއި، ބަޖެޓުގެ 65 އިންސައްތަ އެކަމަށް ޚަރަދުވާކަމަށް އާސަންދަ ކުންފުނިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ބޭސް ލިސްޓުގައި މިހާރުވެސް 14000 އަށްވުރެ ގިނަ ބްރޭންޑްތަކުގެ ބޭސް ހިމެނެއެވެ. ޔޫރަޕްގެ ކޮލިޓީ ބޭސް ހެޔޮ އަގެއްގައި ރާއްޖެއަށް އެތެރެ ކުރަން ފެށުމާއެކު ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ސަލާމަތްވެގެންދެއެވެ. މިއާއެކު ބޭހުގެ އަގު ކޮންޓްރޯލް ކުރެވި، ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ ލިބިގެންދާނެއެވެ.
ސަރުކާރުގެ މި ނިންމުމާއެކު ބޭހުގެ އަގު ކޮންޓްރޯލްވެގެންދާނެއެވެ. އަދި ބޭހުގެ ވިޔަފާރީގެ ބޭނުމަށް ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަވެ، އާންމު ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ޖާގަ ލިބިގެންދާނެއެވެ. މީގެ އިތުރުން ބޭސް އުފެއްދުމާއި ހަމައިން ފެށިގެން ބަލިމީހާ އަތަށް އެ ބޭސްގުޅަ ލިބުމާއި ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެއެވެ. މިކަންތައްތައް ޔަޤީން ކުރަނީ ޑަބަލް ވެރިފިކޭޝަންގެ ތެރެއިންނެވެ.