ޚަބަރު

3 ދުވަސްތެރޭ 291 އުޅަނދު ބަލައިފާސްކޮށް 76 އުޅަނދަކަށް ފިޔަވަޅު އަޅައިފި


  • މާލެއާއި ހުޅުމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި

  • ހުޅުމާލެއިން 259 އަދި މާލެއިން 32 އުޅަނދު ފާސްކުރި

  • ގިނަ އަދަދެއްގެ އުޅަނދު ޓޯކޮށްފައިވޭ

މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ފަށާފައިވާ ޚާއްސަ މަސައްކަތްތަކުގެ ދަށުން މިދިޔަ 3 ދުވަހު، 291 އުޅަނދު ބަލައިފާސްކޮށް މާލެ ސަރަޙައްދުން 76 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވަނީ މާލެއާއި ހުލުމާލޭގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގެ ތަފްސީލްތައް ހާމަކޮށްފައެވެ.

ސެޕްޓެމްބަރު 8،9،10 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގައި ޖުމްލަ 291 އުޅަނދު ހުއްޓުވައި ބަލާ ފާސްކޮށްފައިވެއެވެ.

އެއީ ހުޅުމާލެއިން ހަތަރުފުރޮޅުލީ 30 އުޅަނދު، 229 ސައިކަލު އަދި މާލެއިން ހަތަރުފުރޮޅުލީ 10 އުޅަނދާ 22 ސައިކަލެވެ.

ހުޅުމާލެއިން ހިފެހެއްޓި އުޅަނދުތަކުގެ ތެރެއިން 55 އުޅަނދަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މާލެއިން 22 އުޅަނދަކާމެދު ވަނީ ފިޔަވަޅު އަޅާފައެވެ. އެއީ ހަތަރުފުރޮޅުލީ 5 އުޅަނދު އަދި 72 ސައިކަލެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން 9 އުޅަނދު ހުއްޓުވާފައިވެއެވެ. އެއީ މާލެއިން 4 އުޅަނދު އަދި ހުޅުމާޅެއިން 5 އުޅަނދެވެ.


ލައިސަންސް ނެތި ދުއްވައިގެން މާލެއިން ވަނީ ހަތަރު ފުރޮޅުލީ 2 އުޅަނދު އަދި 15 ސައިކަލު ހިފަހައްޓާފައެވެ. ހުޅުމާލެއިން ވަނީ 8 ސައިކަލު ހިފަހައްޓާފައެވެ.

ޓޯކުރި އުޅަނދުތަކަށް ބަލާއިރު ޖުމްލަ 39 އުޅަނދެއް ޓޯކޮށްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. އެއީ މާލެއިން ހިފަހެއްޓި ހަތަރުފުރޮޅުލީ 3 އުޅަނދާ 19 ސައިކަލެވެ. އަދި ހުޅުމާލެއިން ހިފެހެއްޓި ހަތަރުފުރޮޅުލީ 3 އުޅަނދާ 14 ސައިކަލެވެ.

ޓްރެފިކް އޮޕަރޭޝަންގައި ބަލާފާސްކުރި އުޅަނދުތަކުގެތެރެއިން 47 އުޅަނދެއް ވަނީ ނަސޭހަތްދީ ދޫކޮށްލާފައެވެ. އެއީ މާލެއިން 10 އުޅަނދާ ހުލުމާލެއިން 37 އުޅަނދެވެ.

މާލެ ސަރަޙައްދުގައި ނުއްކާތެރި އެކްސިޑެންޓައް އިތުރުވަމުންދާތީ ޓްރެފިކް ޤާނުތަކާއި ޤަވައިދުތައް ތަންފީޒުކުރުން ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ. މިއާއެކު 24ގަޑިއިރު މަގުތައް ޕެޓްރޯލްކުރާގޮތަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއް ވަނި ފަށާފައެވެ.