ޚަބަރު

ޤަވާއިދާ ޚިލާފު އުޅަނދުތަކަށް ދިން ބިމުގެ ބޭނުން ނުކުރޭ؛ އުޅަނދުތައް ނުގެންދާ ނަމަ ޓޯވް ކުރާނެ: ފުލުހުން


  • ހުޅުމާލޭގައި އެކަނި ޤަވާއިދާއި ޚިލާފު 500 އުޅަނދު އެބައޮތް

  • ހުޅުމާލެ މަގުތަކުން އުޅަނދު ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ވަގުތީގޮތުން ބޭއްވުމަށް ސަރުކާރުން ބިމެއް ހަމަޖައްސައި ދިން ނަމަވެސް އެ ބިމުގެ ބޭނުން ނުކުރާ ކަމަށާއި، އެފަދަ އުޅަނދުތައް ޓޯވް ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށް ސަރުކާރުން ބިމެއް ހަމަޖައްސަވާ ދެއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެޗްޑީސީ މެދުވެރިކޮށް ހަމަޖައްސައި ދިން ބިމަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓާއި އިންވެގެން އޮންނަ ހުސް ބިމެކެވެ.

މި ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ހުރި އުޅަނދުތައް އެއްވެސް އަގެއް ނެތި ވަގުތީ ގޮތުން ޕާކު ކުރުމަށް ސަރުކާރުން ވަނީ ފުރުޞަތު ދީފައެވެ. މިއީ ޤަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތައް މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ހަނީފް ވިދާޅުވީ، ސަރުކާރުން ބިން ހަމަޖައްސައި ދިނަސް އެ ތަނަށް އުޅަނދު ގެންގޮސް ބާއްވާ ފަރާތްތައް މަދު ކަމަށެވެ.

އެގޮތުން ހަމައެކަނި ހުޅުމާލޭގައިވެސް ޤަވާއިދާ ޚިލާފަށް ރެޖިސްޓްރީ ނުކޮށް ނުވަތަ އެހެން ޒޯނެއްގައި ރެޖިސްޓްރީކޮށްފައިވާ 500 އަށް ވުރެ ގިނަ އުޅަނދު ޕާކްކޮށްފައި އޮތް ކަމަށް ފުލުހުން އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުން ބިން ދެއްކި ނަމަވެސް އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަން ފުލުހުން ފާހަގަކުރައްވައެވެ.

"ހުޅުމާލޭގައި 500 އަށް ވުރެ ގިނަ އުޅަނދު އެބައޮތް ޕާކްކޮށްފައި. އެހެން ޒޯނަކަށް ރެޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކާއި ރެޖިސްޓްރީ ނުކޮށް ހުންނަ އުޅަނދުތައް އެބަހުރި. ސަރުކާރުން މިހާރު ބިންތަކެއް ހަމަޖައްސާފައި އެއޮތީ އެތަނަށް ގެންގޮސް ރެޖިސްޓްރީ ކަންތައް ކުރިއަށް ގެންދަން. އަޅުގަނޑު ވަރަށް ހިތާމަޔާއެކު ފާހަގަކުރަނީ އެކަށީގެންވާ އެއްބާރުލުމެއް މިކަމުގައި ނުލިބޭ އަޅުގަނޑުމެން ބިން ހަމަޖައްސައިގެން ދެތިން ހަފްތާ ވީއިރު މަދު އުޅަނދުތަކެއް އެތަނަށް ގެންދިޔައީ" ހަނީފް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އުޅަނދުތައް ޤަވާއިދުގެ ތެރެއަށް ފެއްތުމަށް 6 މަސް ދުވަހުގެ މުހުލަތެއް ސަރުކާރުން ދޭއިރު، ވީހާއަވަހަށް މަގުމަތިންނާއި ޕާކިން ޒޯންތަކުން އެފަދަ އުޅަނދުތައް ނަގާ އެތަނަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި މިކަން ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެކަން ފުލުހުން ފާހަގަކުރައްވައެވެ.

ފުލުހުން ވަނީ ސަރުކާރުން އެންގުމަށް ތަބާވުމަށް 40 ދުވަހުގެ މުހުލަތެއް މިހާރު ދީފައިވާއިރު، އެތަނަށް ނުގެންދާ އުޅަނދުތައް ޓޯވް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

"ބޭނުން ނުކޮށް ގިނަ ދުވަސްވަންދެއް ހުޅުމާލޭގެ މަގުތަކުގައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފެށޭ ހަފްތާ ތެރޭގައި އެބަފަށަން. އެ ޕްރޮގްރާމް ތެރެއިން ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގާނަން. އަދި ރެޖިސްޓްރީ ނުކޮށް މަގުމައްޗަށް ދޫކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތްކޮށް ޤަވާއިދާއި އެއްގޮތަށް ޕާކް ކުރަން ބޭނުންވާ ފަރާތްތަކަށް ޕާކް ކުރުމަށް ދޭން ޖެހޭ ހުރިހާ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާނަން. " ހަނީފް ވިދާޅުވިއެވެ.

ހުޅުމާލެ މަގުތަތަކަކީ ފުޅާ މަގުތަކެއް ނަމަވެސް، ހަތަރު އަނގޮޅި ކަންމަތީގައި ޕާކްކޮށްފައިވާ ހުންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ސަބަބުން އެކްސިޑެންޓުތައް ހިންގަން މެދުވެރިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ރެޖިސްޓްރީ ކުރުމުގެ ކުރިން ޕާކްކޮށްފައި ބާއްވާނެ ޖާގައެއް ސަރުކާރުން ހުޅުމާލޭ ހަދާފައިވާއިރު، ހަތަރުފުރޮޅުލީ އެހެން އުޅަނދުތައް ޕާކް ކުރުމަށް، ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ފްލެޓް ކުރިމަތިން ވަނީ ހުސް ބިމެއް ދީފައެވެ. މިއީވެސް މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފޯރުކޯށްދެއްވާފައިވާ ބިމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.