ޚަބަރު

އެޗްއާރުސީގެ 57 ވަނަ ސެޝަންގައި މުހިއްމު މައްސަލަތަކަކާއި ގުޅޭގޮތުން ރާއްޖެއިން ތަގުރީރުކުރާނެ


  • މި ސެޝަން ކުރިއަށްދާނީ މިމަހުގެ 9 އިން އަންނަ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހަށް

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގައި ބައިވެރިވެ، ފަލަސްޠީނުގެ މައްސަލަ ފަދަ އިންސާނީ ހައްޤުތަކާއި ގުޅޭ ގިނަ މައްސަލަތަކުގައި ރާއްޖޭފގެ ވަފްދުގެ ފަރާތުން ތަޤުރީރުކުރުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާނީ، މިމަހުގެ 9 އިން އަންނަ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިސެޝަންތަކުގެ ތެރެއިން މުހިންމު 30 އިންޓަރެކްޓިވް ޑައިލޮގް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތަކުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ޚާއްސަ 2 އިންޓަރެކްޓިވް ޑައިލޮގްގެ އިތުރުން 6 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާނެއެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަޤުރީރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނަރަލްގެ ފަރާތުން ކުރިއަށްގެންދާ އެނަލިޓިކަލް ސްޓަޑީއާ ގުޅޭގޮތުން ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ޤަޢުމުތަކަގެ މައްޗަށް އެކުލެވޭ ގްރޫޕްގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓްއެއް ދިވެހިރާއްޖެއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޖޮއިންޓް ސްޓޭޓްމަންޓްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް ދިވެހި ޚާރިޖީއްޔާއިން ވިދާޅުވެއެވެ.

ދިވެހިރާއްޖެއަކީ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެމްބަރަކަށްވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކާއި ގުޅޭގޮތުން ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. އެގޮތުން، މި ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ތަޤުރީރެއް ދެއްވުމާއި، ފަލަސްޠީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިޘާއަށް އަލިއަޅުވާލާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަޤުރީރު ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ދިވެހި ޙާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

އެޗް.އާރް.ސީ.ގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ޙައްލުކޮށް އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މުޅި ޖުމްލަ 47 މެންބަރު ޤަޢުމެއްގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މި ދައުރު ހަމަވާނީ 2025 ވަނަ އަހަރުއެވެ.