ޚަބަރު

ޤައުމިއްޔަތު މަޝްރޫޢުގެ ބޭނުމަކީ ދިވެހިންގެ އަސްލުތަކާބެހޭ ޢިލްމީ ދިރާސާތަކެއް ކުރުން: ވަޒީރު އާދަމް ނަޞީރު


  • ރާއީސް ބޭނުންފުޅުވަނީ ކުރިން ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން އިޢާދަކުރަން

ޤައުމިއްޔަތު މަޝްރޫޢުގެ ބޭނުމަކީ ދިވެހިންގެ އަސްލުތަކަށް ޢިލްމީ ނަޒަރަކުން ބަލައި، ދިރާސާކުރުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، ޤައުމިއްޔަތު މަޝްރޫޢުގެ ބޭނުމަކީ ޢިލްމީ ނަޒަރަކުން ދިވެހީންގެ އަސްލުތަކަށް ބަލައި، އެކަމާ ގުޅުންހުރި ކަންކަން ހޯދައި ދިވެހިވަންތަކަން އިޢާދަކުރުން ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދިވެހިންނަކީ އެއްބައިވަންތަ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ތާރީޚުގައި ދިވެހިންނަށް ދިމާވި ކޮންމެ ނުރައްކަލަކުން ޤައުމު ސަލާމަތްކުރީ ކާބަފައިންގެ އެއްބައިންތަކަމާއި އެމީހުންގެ ޙިކުމަތު ޢަމަލީ މަސައްކަތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިބަހާބެހޭ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މީގެ ކުރިން ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ރިވެތި އަގުހުރި ސިފަތައް އިޢާދަކުރެއްވުމަށް ކަމަށެވެ. އަދި ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށް ރައީސް ޑރ. މުޢިއްޒު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް އެންމެ ޚާއްސަ އިސްކަމެއްދެއްވަނީ ދިވެހިން އަލުން ދިވެހިންގެ ގޮތުގައި އިޢާދަކުރެއްވުމަށް. އަދި ޒަމާނުންސުރެ ދިވެހިން މިނިވަންކަންމަތީ ތިބި ސަބަބު ހޯދައި އެ ވިސްނުން ދިވެހިންގެ ތެރެއަށް ގެނެސްދެއްވުމަކީ ރައީސް އިސްކަމެއްދެއްވާކަން." ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގެ އިތުރުން ހއ. އުތީމާއި މާލޭގައިވެސް ޖަލްސާ ބާއްވާފައިވެއެވެ.