ޓުއަރިޒަމް

ހޮޓަލިއާ މޯލްޑިވްސް ޖީއެމް ފޯރަމް 2016 ބާއްވައިފި


ރާއްޖޭގައި އޮޕަރޭޓުކުރާ ޓޫރިސްޓް ހޮޓާތަކާއި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޚާއްސަކޮށްގެން، "ހޮޓަލިއާ މޯލްޑިވްސް ޖީއެމް ފޯރަމް 2016" ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި މި ފޯރަމްގައި ރާއްޖޭގެ އެކި ރިޒޯޓުތަކުގެ 20 ޖެނެރަލް މެނޭޖަރުންނާއި 52 އަށްވުރެ ގިނަ ޑެލިގޭޓުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ރިސޯޓަތަކުގެ ވެރިންނާއި ސަރުކާރުގެ އޮފިޝަލުންނާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ހިމެނެއެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ތަޖުރިބާތައް އަޑު އެހުމަކީ ޕޮލިސީ ލެވެލްގައި މަސައްކަތްކުރުމަށްވެސް ފަސޭހަވެގެންދާނެކަމެއް ކަމަށެވެ. އަދި ފޯރަމްގައި މަޝްވަރާކުރެވުނު ކަންކަމަކީ އެތައް މަސްތަކެއްގެ ދިރާސާއިން ހޯދޭނެ ފަދަ މަޢުލޫމާތުތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ނެރޭ "ހޮޓަލިއާ މޯލްޑިވްސް" މެގަޒިންގެ ފަރާތުން ބޭއްވި މި ފޯރަމުގައި ފަތުރުވެރިކަމާއި ގުޅުންހުރި އެކި ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.