ޚަބަރު

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • ވަޒީރު ޔޫއޭއީއަށް ކުރެއްވީ ހަތަރު ދުވަހުގެ ދަތުރުފުޅެއް

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެކުވެރި ޢަރަބި ޢިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ވަޒީރު ޒަމީރު ޔޫއޭއީއަށް ކުރެއްވީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިދަތުރުފުޅުގެ ތެރެއިން ވަޒީރު ޒަމީރު ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބާއި ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ވަޒީރު ޒަމީރުގެ މި ދަތުރުފުޅުގައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް، އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާވެސްވަނީ ބައްދަލުކުރައްވާފައެވެ. އަދި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިރާޔަތްކުރައްވައި އެ ގައުމަަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރާއި މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަ ފޮނުއްވެވި ސިޓީފުޅެއް، ވަޒީރު ޒަމީރު ވަނީ ޔޫއޭއީގެ ޚާރިޖީ ވަޒީރަށް އަރުވާފައެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރާއި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.