ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މެލޭޝިޔާއަށް ފުރާވަޑިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ރޭ މެލޭޝިޔާއަށް ފުރާވަޑިގެންފިއެވެ.

މިދަތުރުފުޅަކީ، މި މޭ މަހުގެ 31 އިން ޖޫން މަހުގެ 2 އަށް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވާފައިވާ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެން "ޤައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތަޢުލީމް"، މި މަޢުޟޫއަށް ތަޤްރީރުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލުމާތުދެއްވައެވެ.

މި ޖަލްސާއަކީ، ކުޑަކުދިންގެ ތަރައްޤީއާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ޤައުމުތަކުގެ މާހިރުން އެއްތަންވެ ޚިޔާލުފާޅުކުރުމަށް ބޭއްވޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ.