ޚަބަރު

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރެއްވުމުގެ އެންމެ މަތިވެރި ޝަރަފު ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވައިފި


  • މި ޝަރަފު ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވި ޝަރަފުގެ އައްޑަނައާ ހަވާލުވެވަޑައިގެންނެވީ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ކާފަ ދަރިކަލުން އަހްމަދު ޝިހާބެވެ.

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރެއްވުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންއަށް މި ޝަރަފު ރައީސުލްޖުމްހޫރިއްޔާ އެރުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި ދިވެހިބަހާއި ތަރިކައިގެ އިތުރުން ސަގާފަތުގެ ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ.

ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަޔާތްޕުޅުގައި ތައުލީމު ހާސިލްކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އުމުރުންފުޅުން 14 އަހަރުގައި އުނގެނުމުގެ ދަތުރު ފައްޓަވާ، މާލެ ވަޑައިގެން ތައުލީމު ހާސިލްކުރެއްވިއެވެ. އަދި އެއަށްފަހު މަދަރުސީ ތައުލީމުގެ ބާނީ މަދަރަސަތުލް ސަލާހިއްޔާ، މަދަރަސަތުލް ސަނިއްޔާ. މަދަރަސަތުލް މަޖީދިއްޔާ، މަދަރަސަތުލް އަމީނިއްޔާ އުފެއްދެވިއެވެ.

ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން އެކި ދާއިރާތަކުން 50 އަށްވުރެ ގިނަ ވާހަކަ ފޮތް ލިޔުއްވިއެވެ. އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން ވަނީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރައްވާފައެވެ. އަދި ރާއްޖޭގެ ފުރަތަމަ ޤާނޫނުގެ އަސާސީ އެކުލަވާލުމުގައިވެސް މަސައްކަތް ކުރެއްވިއެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އަވަހާރަވީ 20 ސެޕްޓެމްބަރު 1948 ގައި ސްރީލަންކާގައެވެ.

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.

މި ޚާއްޞަ ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.