ޚަބަރު

ޤަވާއިދާ ޚިލާފަށް އެތެރެވާން މަސައްކަތްކުރާ މީހުންގެ މައްސަލަވެސް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓްކުރެވޭނެ


  • ޓޫރިސްޓް ވިސާގެ ބޭނުންނަހަމަ ގޮތުގައި ހިފުމަށް މަސައްކަތްކުރޭ

  • އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 400 އަށްވުރެ ގިނަ ރިޕޯޓް ލިބިފައިވޭ

ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަވެސް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓް ކުރެވޭނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. ޝަމްޢާން މިހެން ވިދާޅުވީ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، ރާއްޖެއިން ބޭރުން އަންނަ ބައެއް މީހުން ޓޫރިސްޓް ވިސާގެ ބޭނުންނަހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ބައެއް ފަހަރު ޝަހްސު އޮޅުވާލައިގެންނާއި ރާއްޖެ އަންނަ ބޭނުން އޮޅުވާލާ ކަމަށްވެސް ވިދާޅުވިއެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރީ 17 ޖުލައިގައެވެ. ޝައްމާން ވިދާޅުވީ، އެ ޕްލެޓްފޯމް ތަޢާރަފު ކުރިފަހުން މިހާތަނަށް 473 ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި 369 ރިޕޯޓަށް އެޓެންޑްވެފައިވާކަމަށެވެ.

"80 އަށްވުރެ ގިނަ ރިޕޯޓް ވެރިފިކޭޝަން ޕްރޮސެސްގައި އެބަދޭ. ވެރިފައި ކުރުމަށްފަހު އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން. އިމިގްރޭޝަނާ ނުގުޅޭ 22 ރިޕޯޓެއް އެބައުޅޭ. ހަމައެކަނި ޤަވާއިދާ ހިލާފަށް އުޅޭ މީހުންގެ ރިޕޯޓެއް ނޫން ހަމައެކަނި ކުރެވެނީކީއެއް. ހަޤީޤަތުގައި ރާއްޖެއަށް ޤަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަވެސް ހަމަ އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހެޅޭނެ" ޝަމްޢާން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ދަނީ އިމިގްރޭޝަން ވޮޗް މެދުވެރިކޮށް އާންމު ހުށަހަޅާ މައްސަލަތައް ބަލާ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.