ޚަބަރު

ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރުމަށް ސަޢުދީއާއެކު އެއްބަސްވުމެއް


  • ސީޕްލޭން އޮޕަރޭޝަންގެ ޚިދުމަތް ދިނުމަށް ގަވާއިދުތައް އެކުލަވާލުމަށް އެހީވާނެ

ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލުމަށް ސަޢުދި ޢަރަބިއްޔާގެ ސިވިލް އެވިއޭޝަން އޮތޯރިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހާރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަން ހަރުދަނާކޮށް ބައިނަލްއަޤުވާމީ މިންގަނޑުތަކާއެއްގޮތަށް ސަލާމަތީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބެލެހެއްޓުމަށް އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އެވިއޭޝަންގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ސަޢުދި ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް، ޞާލިހު ބިން ނާސަރު އަލް ޖައްސަރެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު އަމީން ސަޢުދި ޢަރަބިއްޔާއަށް ވަޑައިގަންނަވާފައިވަނީ، ސަޢުދީގެ ޓްރާންސްޕޯޓް މިނިސްޓަރާއި، އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް ޢަބްދުލްޢަޒީޒް އަލް ދުއައިލެޖްގެ ދަޢުވަތަކަށެވެ. ވަޒީރުގެ މިދަތުރުފުޅުގައި މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.