"އެކްސްޕެޓް އޮންލައިން ސިސްޓަމް" ޤާއިމުކޮށް ޚިދުމަތްދިނުމަށް މެލޭޝިއާގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައި ނުވާތީ އެކުންފުނިން 13.7 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް އެދިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތްފޯރުކޮށްދޭ "އެކްސްޕެޓް އޮންލައިން ސިސްޓަމް"ގެ މަސައްކަތްކުރަމުންދިޔަ މެލޭޝިއާގެ ބެސްޓްނެޓާއެކު ސަރުކާރުން ޤާއިމްކުރި އެއްބަސްވުން ބާތިލްކުރި 2019 ވަނަ އަހަރުއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ބެސްޓްނެޓްއިން ބަލަހައްޓަމުންދިޔަ "އެކްސްޕެޓް އޮންލައިން ސިސްޓަމަކީ" ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ މަސައްކަތްތެރިންގެ މެޑިކަލްއާއި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި ގުޅޭ ނިޒާމެއްކަމަށެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، 2019 ވަނަ އަހަރު، ބަންގްލަދޭޝްއިން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫންކަމަށެވެ. އެހެންކަމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2022 ވަނަ އަހަރުގެ ތެރޭގައި އެކުންފުނިން ސަރުކާރަށް އަންގާފައިވާކަމަށް އިޙްސާން ވިދާޅުވިއެވެ.
"އެކުންފުނިން ދިވެހި ސަރުކާރާއެކު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އެންގެންއޮތްގޮތުން ކުންފުންޏަށް 2019 ވަނަ އަހަރުން ފެށިގެން ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި 13.7 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފައިވާކަމަށް. އަދި އެގްރީމަންޓުގެ މުއްދަތުކަމަށްވާ 15 އަހަރުގެ ތެރޭގައި ލިބޭ ގެއްލުމަށްވެސް ދިވެހި ސަރުކާރުން ޒިންމާވާންޖެހޭކަމަށްވަނީ އަންގާފައި." ވަޒީރު ވިދާޅުވިއެވެ.
ވަޡީރު ވިދާޅުވީ އޭރު ކުރެވިފައި ހުރި މުޢާމަލާތްތަކަށް ބަލާއިރު އޭރު ޢަމަލުކުރަމުންދިޔަ ސެޓްލަމްންޓް އެގްރީމަންޓްގެ ތެރެއިން އެމީހުންނަށް ބަދަލުދޭން ނިންމާފައި އޮތްކަން ހާމަވާކަމަށާއި، ނަމަވެސް މިހާތަނަށް އެ ކުންފުންޏަށް ބަދަލެއް ދީފައިނުވާކަމަށެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު ސެޓްލްމަންޓް ކޮމިޓީ އުވާލާފައިވާތީ މިކަމުގައި އެކުންފުންޏާއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު އެ މައްސަލަ ހައްލުކުރާނެ ގޮތްތަކެއް ހޯދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެއްގޮތަކީ 13.7 މިލިއަން ޑޮލަރު ދެއްކުން އަދި އެގްރީމަންޓުގެ މުއްދަތުގައި ލިބޭ ގެއްލުމަށް ޒިންމާވުން. އަނެއްގޮތަކީ އެހެން ޚިދުމަތްތަކާއެކުގައި ފޮރިންގ ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ޤާއިމުކުރުން. މާނައަކީ މިހާރު ޚިދުމަތް މިދެމުންދާ އެކްސްޕެޓް ސިސްޓަމާއި އެއްގޮތް އަދި އެއަށްވުރެ ފުރިހަމަ ސިސްޓަމެއް ރާއްޖޭގައި ޤާއިމުކުރުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ މާލީ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ސަރުކާރުން ގެއްލުމަށް ޒިންމާވުމުގެ ބަދަލުގައި ހަރުދަނާ ސިސްޓަމެއް ޤާއިމުކުރުމަށް އެބަސްވުމަކަށް މިއަހަރުގެ މޭމަހުގެ ތެރޭގައި އާދެވިފައިވާކަމަށެވެ. އަދި މި ނިޒާމު ޤާއިމުކުރެވުމުން ދައުލަތަށް ބިދޭސީންނާއި ގުޅޭ އެކި ފީތަކުން ދައުލަތަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ބިދޭސީންނާއި ގުޅޭ ފީތައް ނުދައްކާ ފަރާތްތަކުގެ މައްސަލަވެސް މި ނިޒާމާއެކު ހައްލުވެގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރައްވައެެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ސިސްޓަމް ހިންގުމަށް ސަރުކާރުން މީގެކުރިން ކުރަމުންދިޔަ ޚަރަދު މީގެފަހުން ކުރަމުންދާނީ ސިސްޓަމް މެދުވެރިކޮށް ލިބޭ ޢާމްދަނީންކަމަށެވެ.