ޚަބަރު

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދުގެ މަސައްކަތް ޑިސެމްބަރުމަހު ފަށަނީ


  • އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެތެރޭގައި

  • ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް

  • ގާތްގަނޑަކަށް 10 ބާވަތެއްގެ %80 ރާއްޖޭގައި އުފައްދާނެ

އުތުރު ތިލަފަޅުގައި ޤާއިމްކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ފަށާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެތެރޭގައެވެ.

ރައީސް އޮފީހުން މިދިޔަ އާދީއްތަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިސާދު ފުޅާކޮށް ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް ހިއްސާކުރައްވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް ޑިސެމްބަރުމަހުގެތެރޭގައި ފެށިގެންދާނެކަމަށެވެ. އަދި މި މަޝްރޫޢާއެކު ރާއްޖޭގައި އެތައް ބާވަތެއްގެ ތަރުކާރީ އާއި މޭވާ އުފައްދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިއީ ރާއްޖެއަށް އިމްޕޯޓުކުރާ އެތައް ބައިވަރު ބާވަތެއްގެ ތަކެތި، ގާތްގަނޑަކަށް 10 ބާވަތެއްގެ ތަކެތި، %80 ރާއްޖެއިން ޕްރޮޑިއުސް ކުރެވޭނެ، 200 އެތައް ލިމިއަން ޑޮލަރުގެ ޕްރޮޖެކްޓެއް، މި ޕްރޮޖެކްޓާއި އެކު ފައިސާ ރާއްޖޭގައި ދައުރުވާން ފެށި، އެސްއެމްއީތަކަށް އިތުރު ސްޕޭސް ލިބިގެންދޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އުތުރު ތިލަފަޅުގައި ޤާއިމްކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ ފީސިބިލިޓީ ސްޓަޑީ މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ އެކަމަށް ހައްލުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގެ ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓަރމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި ޢުމްރާނީ ވަސީލަތްތައް މި ސަރަޙައްދުގައި ތަރައްޤީކުރާނެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ އުތުރުތިލަފަޅުން ދަނޑުވެރިކަމަށް 200 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މި ބިމުގައި ދަނޑުވެރިކަން ކުރަން ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހައިލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިކަމަށް ހާއްސަކުރާނީ 100 ހެކްޓަރުގެ ބިމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.