އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ގުޅިގެން ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް އެޅުމުގެ ފުރުސަތު ކައުންސިލްތަކަށް އެބައޮތްކަމަށް އެވުޒާރާއިން ވިދާޅުވެއްޖެއެވެ. އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތައް ނުވަތަ ނާދީތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އިސްރަށްވެހިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒު ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.
މިމަޝްރޫޢުގެ ދަށުން ފުރަތަމަ މަރުކަޒު ހުޅުވާފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. "އިސްރަށްވެހިންގެ ނާދީ"ގެ ނަމުގައި ޤާއިމްކުރި މި މަރުކަޒު ހިންގަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ. އަދި އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގައި މިފަދަ ނާދީއެއް ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ވަރަށް އަވަހަށް އައްޑޫ ސިޓީގައިވެސް މިފަދަ ނާދީއެއް ހުޅުވާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ނައިބު މަރިޔަމް ލަހްފާ ޚަލީލް ވިދާޅުވީ، މިފަދަ ތަންތަނަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ތަންތަންކަމަށެވެ. މާލޭގައި ހުޅުވާފައި ހުރި ނާދީން ގިނަ އަދަދެއްގެ އިސްރަށްވެހިން ޚިދުމަތް ހޯދަމުން އަންނަކަމަށާއި އެ ވުޒާރާގެ އަމާޒަކީ މިފަދަ ގިނަ ތަންތަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުންކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ނާދީތައް ތައްޔާރުކުރުމަށްޓަކައި. ރަށްރަށުގައިވެސް ކައުންސިލްތައް އިސްނަގައިގެން މިފަދަ ނާދީތައް ތައްޔާރުކުރުމުގެ ޝައުގުވެރިކަން ހުރިނަމަ އެ ފުރުސަތު އެބައޮތް. އަޅުގަނޑުމެންނަކީ ކައުންސިލްތަކާއިއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ މިނިސްޓްރީއެއް. މިފަދަ ނާދީތައް ތައްޔާރުކުރެވި އެތަންތަނުން މިދެންނެވި ފަދަ ޚިދުމަތްތައް ދެވެން ފެށީމަ އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ވަރަށް ހެޔޮ ބަދަލެއް އަންނަމުންދާކަން ފާހަގަކުރެވޭ." މަރިޔަމް ލަހްފާ ޚަލީލް ވިދާޅުވިއެވެ.
ދައުލަތުގެ އެކި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަ އެކި ޕްރޮގްރާމްތައް ހިންގަމުންދާއިރު އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް އެފަރާތްތަކަށް ލިބެމުންދާކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އެގޮތުން ނަފްސާނީ އެކި ނުތަނަވަސްކަން ކުރިމަތިވެފައިވާ ފަރާތްތަކުން އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކޮށް އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން އެކަމުގެ ހެޔޮ ބަދަލު ފެންނަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.