ޚަބަރު

މަޖީދިއްޔާއަށް 100 އަހަރުން ފުރުން ފާހަގަކުރާނީ ގައުމީ ފެންވަރެއްގައި: ވަޒީރު ޑރ. ޝަފީޢު


  • މަޖީދިއްޔާ ސްކޫލްގެ ކިޔެވުން ފެށީ 19 އޭޕްރިލް 1927ގައި

  • 100 އަހަރު ފުރެނީ 2027ގައި

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭ މުނާސަބާ ޤައުމީ ފެންވަރުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ، އެއީ ޤައުމީ ފެންވަރުގައި ރާއްޖޭގައި ތަޢުލީމު ދޭން ފެށި މުނާސަބާއަށްވާތީކަމަށް ތަޢުލީމާބެހޭ ވަޒީރު އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 19 އޭޕްރިލް 1927 ގައެވެ. މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭނީ 2027ވަނަ އަހަރުގައެވެ.

މަޖީދިއްޔާ ސްކޫލްގެ "ސައްތަވީ ބިނާ" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ރަސްމީ ތަޢުލީމުގެ ފެށުންކަމަށެވެ. އަދި އެ ސްކޫލްގައި ކިޔަވައިދޭން ފެށި ދުވަހަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކާއި ދަރިވަރުންނާއި މުދައްރިސުން އަދި ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭ މުނާސަބާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ކަރިކިއުލަމްއަށްވެސް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލުކަމަށެވެ. މިއަދު ރާއްޖެއަކީ ސަރަޙައްދީ ގޮތުން ބަލާއިރުވެސް ދުނިޔޭގައި ފާހަގަކޮށްލެވޭ މަތީ ވަނަތައް ހޯދާ ދަރިވަރުން ތިބި ޤައުމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"ރައީސް އަޅުގަނޑަށް އިރުޝާދު ދެއްވީ މަޖީދިއްޔާ ސްކޫލުގެ 100 އަހަރު ފުރުމަކީ ހަމައެކަނި ސްކޫލަށް އަހަރު ފުރުމުގެ މުނާސަބަތުގެ ގޮތުގައި ފާހަގަކުރުމުގެ ބަދަލުގައި، މިއީ މުޅި ރާއްޖޭގައި ތަޢުލީމީ ނިޒާމު ފެށުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން. މިކަމުގައި މުޅި ރާއްޖެ ޝާމިލުކުރަން. މި ތަޢުލީމީ ދަތުރު ފެންނާންގޮތަށް މަޖީދިއްޔާގެ ކުރިބޯށި އިމާރާތާ ދާރުލް އުލޫމު ތަރައްޤީކުރާނަން." ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ޞާލިޙު ވިދާޅުވީ 69 ދަރިވަރުންނާއެކު ކިޔެވުން ފެށި މަޖީދިއްޔާ ސްކޫލަކީ، މިއަދު ރާއްޖޭގައި އެންމެ ފުޅާކޮށް ތަޢުލީމުދޭ އެއް ސްކޫލުކަމަށެވެ.

މަޖީދިއްޔާ ސްކޫލު މިގޮތުގައި ކުރިއަށްދިއުމަށް ސްކޫލުގެ މުދައްރިސުންނާއި ސްޓާފުން އަދި މިހާރުގެ ދަރިވަރުންނާ އިސް ދަރިވަރުން ކުރަމުންދާ މަސައްކަތް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"100 އަހަރު ފުރޭ މުނާސަބާއަށް ވަރަށް ގިނަ ކަންކަން ރާވާފައިވަނީ. މި ކަމުގައި ސްކޫލުގެ އިސް ދަރިވަރުންގެ ޚާއްސަ ކޮމިޓީއެއް ހަދާ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން." މަޖީދިއްޔާ ސްކޫލްގެ ޕްރޮންސިޕަލް އައިޝަތު މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭ މުނާސަބާއާ ގުޅިގެން އެ ސްކޫލްގެ "ސައްތަވީ ބިނާ" އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މިކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަޒީރުންނާއި ސްކޫލްގެ އިސް ފަރާތްތަކާއި މިހާރުގެ ދަރިވަރުން އަދި އިސް ދަރިވަރުން ބައިވެރިވިއެވެ.

"ސައްތަވީ ބިނާ"އިން ސިފަކޮށްދެނީ މަޖީދިއްޔާ ސްކޫލުގައި ހުރި ދާރުލް ޢުލޫމު އިމާރާތާއި އަދި ޚާއްސަ މޮނިއުމަންޓެވެ. އަދި 100 އަހަރު ފުރުމުގެ ކައުޓްޑައުން ފެންނާނެގޮތަށް ބޯޑެއްވެސް ވަނީ ބަހައްޓާފައެވެ. ބިނާގެ މަސައްކަތަކީ ސްކޫލްގެ އިސް ދަރިވަރުންގެ އިސްނެގުމަށް ކޮށްފައިވާ މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މަޖީދިއްޔާ ސްކޫލުގެ ތާރީޚް ދައްކުވައިދޭ މައުރަޒު ބައްލަވާލައްވާފައެވެ. މި މައުރަޒުގައި ސްކޫލްގެ އެކި ދުވަސްވަރުގެ ފޮޓޯތަކާއި ހިންގި ހަރަކާތްތަކާއި ތާރީޚީ މަޢުލޫމާތު ވަނީ ހިމަނާފައެވެ. ސްކޫލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މަޖީދިއްޔާ ސްކޫލުގައި ކިޔެވި ދުވަސްވަރުގެ ބައެއް ހަނދާންތައްވެސް މައުރަޒުގައި ދައްކާލާފައެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ އިސް ދަރިވަރުންގެ ފަރާތުން ވަނީ "ސައްތަވީ ބިނާ"ގެ ނަކަލެއް ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އަރުވާފައެވެ.