ޚަބަރު

ހުޅުމާލޭގެ 4000 ޕާކިން ޖާގަ، ޕާކިން މައްސަލައަށް ބޮޑު ޙައްލެއް!


  • ޕާކިންއަށް ޚާއްޞަ 15 ޢިމާރަތް އަޅާނެ

ޒަމާނުއްސުރެ ބޮއްސުންލާފައިވާ ޕާކިން މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ސަރުކާރުން މިވަނީ ފަށާފައެވެ. މާލެސިޓީއެކޭ އެއްގޮތަށް މިހާރު ހުޅުމާލެއަށްވެސް މިވަނީ ޕާކިންގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ހުޅުމާލޭގެ ފޭސް 1 އާއި 2ގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު، ޕާކިން ސްލޮޓުތަކުގައި ޕާކްކުރާނެ ޖާގައެއް މިހާރު ނެތެވެ. މިއާއެކު މަގުގެ އެއްފަރާތުގައި އުޅަނދުތައް ޕާކްކުރުން ވަނީ ޢާންމުވެފައެވެ. މާލޭގައި ޕާކްކުރާނެ ތަން ނެތުމުން، ގިނަ ޢަދަދެއްގެ އުޅަނދުތައް ހުޅުމާލޭގައިވެސް ޕާކްކުރެއެވެ.

މިއާއެކު ހުޅުމާލޭގެ ޕާކިންގެ މައްސަލަ ޙައްލުކުރުމަށް ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން 4000 އުޅަނދު ޕާކްކުރެވޭނެ 15 ޕާކިން ޢިމާރާތް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފެށުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ ނިންމާފައެވެ. ހުޅުމާލޭގެ ތަރައްޤީގެ ޕްލޭންގެ ދަށުން ޕާކިންއަށް ޚާއްޞަކުރާ އިމާރާތްތަކާއެކު ޕާކިންގެ މައްސަލައަށް ބޮޑު ޙައްލެއް އަންނާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވީ ޕާކިން ޢިމާރާތް އެޅުމުން އެތަންތަނަށް އުޅަނދުތައް ރަޖިސްޓްރީ ކުރެވި، ދާއިމީކޮށް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްވާނެކަމަށެވެ. ފަޟުލް ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް އަންނަ މަހުގެ ނިޔަލަށް އިއުލާން ކުރާނެކަމަށެވެ.

"މި ބިލްޑިން ޤާއިމުވެގެންދިޔުމާއެކު ޕާކު ކުރާނެ ޖާގަ ކަށަވަރުވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޕާކިން މައްސަލައަށް ހައްލުގެނައުން. މި މަސައްކަތަށް ސަރުކާރުން ހައްލު ގެންނާނެ އިރާދުކުރެއްވިއްޔާ." ފަޟުލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ޕާކިން ޢިމާރާތްތައް އަޅަނީ ވިޔަފާރި އުސޫލުންނެވެ. މި ޢިމާރާތްތަކާއެކު ހުޅުމާލޭގެ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމަށް ފަޟުލް ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ ޕާކިން ޢިމާރާތްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 ނުވަތަ 3 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާ ކުރެވޭކަމަށެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ.