ޚަބަރު

ޕޭޕަލްގެ ޚިދުމަތް ފުރިހަމައަށް ލިބޭނެގޮތް ހެދުމަށް މަޝްވަރާކޮށްފި


  • ޕޭޕަލްގެ ގްލޯބަލް މާރކެޓިންގެ ރައީސާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައި

  • ޚިދުމަތް ހޯދުމުގައި ހުރި ދަތިތަތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ދިވެހިރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމަށްހުރި ގޮންޖެހުންތަކަށް ހައްލު ގެނައުމަށް އެކުންފުނީގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.

އިޤ1ތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޭޕަލްގެ ގްލޯބަލް މާރކެޓިންގެ ރައީސާއެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި އެ ޕްލެޓްފޯމު މެދުވެރިކޮށް ޚިދުމަތް ހޯދުމުގައި ހުރި ދަތިތަތަކާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ.

ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި އެޕްލިކޭޝަން ދިވެހިރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުންކުރެއެވެ. ނަމަވެސް ރާއްޖޭގައި ޕޭޕަލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރު މީހުން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ރީސީވްވާނެ ނުވަތަ ލިބިގަނެވޭނެ ގޮތެއް ނޯވެއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދިވެހިންނަށް އޮންލައިން ޕޭމަންޓު ސިސްޓަމްތައް ނުވަތަ އީ-ވޮލެޓުތައް މެދުވެރިކޮށް މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. އެހެންކަމުން ތަފާތު އީ-ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕޭޕަލްގެ އިތުރުން އެހެނިހެން ޤައުމުތަކުގެ އީ-ވޮލެޓުތައް ތަޢާރަފްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރަން އަވަހަށް އަވަހަށް ފެށޭނެކަމަށް ސައީދު މީގެކުރިންވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވަޒީރު ވިދާޅުވެފައިވަނީ ރާއްޖޭގައި ގިނަ އަދަދެއްގެ އުފެއްދުންތެރިން އެބަތިބިކަމަށާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީވެސް އާމްދަނީ ހޯދޭނެ ވަސީލަތްތަކެއްކަމަށެވެ. ރާއްޖޭގައި މިކަން ނުކުރެވޭ ސަބަބީ ރާއްޖެއަށް މިހާރު އޮތް ނިޒާމުގެ ތެރޭގައި ޕޭމަންޓް ރިސީވް ކުރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އަލަށް އުފެދިގެން އަންނަ ކްރިއޭޓިވް ނުވަތަ އުފެއްދުންތެރިން އޮންލައިންކޮށް އެތައް ވިޔަފާރިއެއް ކުރާކަމަށާއި، ރާއްޖޭގެ ޑިޖިޓަލް އީކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރިގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް މިހާރު އެދިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.