ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މާލީ ވުޒާރާއިން ފައްޓަވައިފިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމް އަކީ ޓްރެޑިޝަނަލް ޕްރޮކިއުމަންޓް މެތަޑްތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮސެސްއެއްކަމަށެވެ. މިގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއްގެ ގޮތުގައި މާލީ ވުޒާރާއިން އިހްތިޔާރުކޮށްފައި ވަނީ އެސް.އޭ.ޕީ އަރީބާއެވެ.
މި ނިޒާމް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓް ހަރަކާތްތައް ދެފުށް ފެންނަ، ހަރުދަނާ އަދި ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ ޕްރޮކިއުމަންޓް ޕްރޮސެސްތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މާލީ ވުޒާރާއިން ސިފަކުރައްވައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ ނިޒާމުގެ ސަބަބުން ޕްރޮކިއުމަންޓް ޕްރޮސެސްތައް އޮޓޮމޭޓްކޮށް، ސްޓްރީމް ލައިންކޮށްގެން، މިހާރު ހިނގާ އިދާރީ ޚަރަދުތައް ކުޑަކުރެވި، ޕްރޮސެސިންގ ވަގުތުތައް ކުރުވެ، ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އަރީބާ ސިސްޓަމާއެކު މިހާރު ތަފާތު އެކި ޕްލެޓްފޯމްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓުގެ ކަންތައްތައް އެއް ޕްލެޓްފޯމަކުން ކުރިއަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން ސަޕްލަޔަރުންނަށް އެއް ޕްލެޓްފޯމަކުން ދައުލަތުގެ ހުރިހާ ޕްރޮކިއުމަންޓުތަކުގައި ބައިވެރިވުމުގެ މަގުފަހި ވެގެންދާނެއެވެ. އަދި މުއާމަލާތްތައް ފަސޭހަވެ، ކޯޑިނޭޝަން ރަނގަޅުވެ، ޕަބްލިކް ފައިނޭންސް ފަންކްޝަންތަކުގައި އަވަސް ނިންމުންތަކެއް ނިންމުމަށް މަގުފަހިވެގެންދާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
އަރީބާއަކީ މިހާރުގެ ބޭނުންކުރާ އެސް.އޭ.ޕީ ސިސްޓަމާ ފަސޭހަކަމާއެކު އިންޓަރގްރޭޓްކުރެވޭ ސިސްޓަމަކަށްވުމުން، ޕްރޮކިއުމަންޓް ޕްރޮސެސްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ. މި ސިސްޓަމާއެކު ޚަރަދުތަކުގެ ޓްރާންސްޕޭރެންސީވެސް އިތުރުވެގެންދާނެއެވެ. މާލީ ވުޒާރާއިން ވިދާޅުވީ އައު ނިޒާމުގެ ސަބަބުން ޕްރޮކިއުމަންޓްގެ ޑޭޓާތަކާއި ޕްރޮކިއުމަންޓާ ގުޅޭ އިތުރު މައުލޫމާތުތައް ފަސޭހައިން ލިބޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ޚަރަދުތައް ރަނގަޅަށް ޓްރެކްކޮށް މެނޭޖްކޮށް، ވަގުތުން ރިޕޯޓްތައް އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.