މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1304236 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1181093 ފަތުރުވެރިންނާއި އަޅާ ބަލާއިރު، %10.4 އިތުރު އަދަދެކެވެ.
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިމަހުގެ ފުރަތަމަ 19 ދުވަސްތެރޭ ރާއްޖެއަށްވަނީ 121170 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 105866 ފަތުރުވެރިންނާއި އަޅާބަލާއިރު %14.5 އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6378 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 14.2 އިންސައްތައިގެ ހިއްސާއަކާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަނީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އަންނަނީ ރަޝިއާ ފަތުރުވެރިންނެވެ.
ޗައިނާ : 184632
ރަޝިއާ : 139308
އިނގިރޭސިވިލާތް : 112656
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުން އަހަރުގެ މިހާތަނަށް ވަނީ 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން ކަނޑައަޅާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރުމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ސަރުކާރުން ދަނީ ކުރައްވަމުންނެވެ.