ތިމާވެށި

ތިމަވެއްޓާއި ބެހޭ އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެއްޖެ


ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ އދ.ގެ ދުނިޔޭގެ ތިމާވެށީގެ އެސެމްބްލީގެ 2 ވަނަ ބައްދަލުވުމައި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދަށުން ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުގެ ސެޝަންގައި ބައިވެރިވެ ވަޑައިގެން، ތަޤްރީރު ކުރެއްވުމުގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކްލައިމެޓް ރެސިލިއެންސް އިނީޝިއެޓިވްގެ ބައްދަލުވުމުގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިމަހުގެ ތޭވީސްވަނަ ދުވަހު ފެށުނު ބައްދަލުވުން މިމަހުގެ ހަތާވީސްވަނަ ދުވަހު ނިޔަލަށް ކުރިއަށްދާނެއެވެ.

ދުނިޔޭގެ ތިމާވެށީގެ 2 ވަނަ އެސެމްބްލީއަކީ ހުސްވި އަހަރު ސެޕްޓެމްބަރުގައި އދ. ގެ ޢާއްމު ޖަލްސާއިން 2030 އަށް އަމާޒުކޮށް އެކުލަވާލި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ފާސްކުރުމަށްފަހު ބޭއްވޭ ފުރަތަމަ ތިމާވެށިގެ މަތީފެންވަރުގެ ބައްދަލުވުމެވެ. މި ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "2030 ގެ ނިޔަލަށް ޙާޞިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ތިމާވެއްޓާގުޅޭ ލަނޑުދަނޑިތައް ޙާޞިލްކުރުން" މިއެވެ.

img:http://s3.psmnews.mv/images/660x400/14641922643582.jpg|ދުނިޔޭގެ ތިމާވެއްޓާއި ބެހޭ ސަމިޓުގެ ތެރެއިން / ފޮޓޯ: ޔޫއެން

މި ބައްދަލުވުމުގެ ތެރެއިން 26 އާއި 27 ވަނަ ދުވަސް ޚާއްޞަ ކުރެވިފައިވަނީ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުންތަކުގެ ގޮތުގައެވެ. މިބައްދަލުވުންތަކުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެން ތަޤްރީރު ކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓަރުން ފެންވަރުގައި ބަހުސްކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީ ލަނޑުދަނޑިތަކާއި އަމާޒުތަކަށް ވާސިލުވުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މިހާތަނަށް ދުނިޔޭގެ 170 ޤައުމުން 2400 އަށްވުރެގިނަ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ރަޖިސްޓްރީކޮށްފައިވާއިރު 75 ޤައުމަކުން ވަޒީރުން ފެންވަރުގައި ބައިވެރިވެއެވެ.