ޚަބަރު

މޯލްޑިވިއަނުން އިތުރު 3 އޭޓީއާރު ބޯޓު ގެންނަނީ


  • އޭޓިއާރު މަރުކައިގެ 3 މަތިންދާ ބޯޓު ހޯދުމަށް ވަނީ އިޢުލާންކޮށްފައި

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29

  • މިހާރުވެސް އިތުރު 3 އޭޓީއާރު މަތިންދާ ބޯޓަށް ވަނީ އޯޑަރު ދީފައި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކައިގެ އިތުރު 3 މަތިންދާބޯޓު ގެނައުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން މިހާރު ވަނީ އޭޓިއާރު މަރުކައިގެ 3 މަތިންދާ ބޯޓު ހޯދުމަށް އިޢުލާންކޮށްފައެވެ. އެކުންފުނިން ބުނީ އޭޓީއާރު 42-600 މަރުކައިގެ 3 މަތިންދާ ބޯޓު 15 އަހަރަށް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ.

އޭޓީއާރު ބޯޓުތައް ފޯރުކޮށްދޭން ޖެހޭ ތާވަލެއްވަނީ ކަނޑައަޅާފައެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރުމަހު އެއް އޭޓީއާރު، އަންނަ އަހަރުގެ އޮގަސްޓުމަހު ދެވަނަ އޭޓީއާރު އަދި 2026ވަނަ އަހަރުގެ އޮކްޓޯބަރުމަހު ތިންވަނަ އޭޓީއާރު މަތިންދާ ބޯޓު ރާއްޖެއަށް ގެންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އައިލެންޑު އޭވިއޭޝަނަށް އޭޓީއާރު ބޯޓުތައް ހޯދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29ވަނަ ދުވަހެވެ.

އައު 3 އޭޓީއާރު ބޯޓު ހޯދުމަށް އައިލެންޑު އޭވިއޭޝަނުން އިޢުލާންކޮށްފައިވާއިރު، މިދިޔަ މެއިމަހުގެ ތެރޭވެސް މޯލްޑިވިއަންގެ ފްލީޓަށްވަނީ އިތުރު އޭޓިއާރު ބޯޓެއް ގެނެސްފައެވެ. މި ބޯޓު ރާއްޖެއަށް އައުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ އޮޕަރޭޝަންސްއަށް އޭޓީއާރު މަރުކައިގެ ބޯޓުތަކާއެކު އަންނަ ކުރިއެރުންތައް ފާހަގަކޮށްފައެވެ. އަދި މިހާރުވެސް އިތުރު 3 އޭޓީއާރު މަތިންދާ ބޯޓަށް އޯޑަރު ދީފައިވާކަމަށް އިޔާސް ވިދާޅުވިއެވެ.

އޭގެތެރެއިން 2 މަތިންދާބޯޓު ޑިސެމްބަރުގައި ނޫނީ އަންނަ އަހަރު ކުރީކޮޅު އަދި ތިންވަނަ ބޯޓު ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރަމުންދެއެވެ. މީގެ ތެރޭގައި އެއަރބަސް 320 A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ 4 މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.