ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ބަޙްރައިންގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ޓޫރިޒަމް އެންޑް އެގްޒިބިޝަން އޮތޯރިޓީއާ ހިއްސާކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެޤައުމުގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފާތިމާ ބިންތު ޖައްފާރު އަލް ސައިރަފީ އާއި، ބަޙްރައިންގެ ޓޫރިޒަމް އެންޑް އެގްޒިބިޝަން އޮތޯރިޓީގެ ޗެއަރޕާސަންއާ ބައްދަލުކުރައްވާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ވަޒީރު ފާތިމާވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކަށް ތައުރީފްކުރައްވާފައެވެ. އަދި ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
Had a very productive meeting today with Minister Fatima bint Jaffar Al Sairafi, Minister of Tourism of #Bahrain and Chairperson of the Bahrain Tourism and Exhibitions Authority.
— Moosa Zameer (@MoosaZameer) August 13, 2024
Minister Fatima Al Saraifi commended the resilience of the tourism sector of the Maldives.
We… pic.twitter.com/GMgHaRrnBc
މިބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓު ބޯޑުގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ބަޓެލްކޯ ކުންފުނީގެ ސީއީއޯ މައިތަމް ޢަބްދުﷲއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މުވާސަލާތީ ޚިދުމަތުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ މިދަތުރުފުޅަކީ ބަހްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ކުރައްވާ މިދަތުރުފުޅުގައި އެމްބެސެޑަރ އެޓް ލަރޖް އަހުމަދު ނަސީރާއި، ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު ހިމެނޭހެން ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖެއާއި ބަޙްރައިނާ ދެމެދު ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް މިއަހަރު 44 އަހަރު ފުރޭނެއެވެ.