ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރިކޯޑު ޢަދަދަކަށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވާރޭ ވެހޭނެ ސީދާ މިންވަރު ކަނޑައެޅިގެން ނޭނގޭނެކަމަށެވެ. އެހެންނަމަވެސް މިހަފްތާގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ރިކޯޑު ކުރެވޭ ނިސްބަތް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް އެންމެ ބޯކޮށް ވާރޭ ވެހޭ މަހުގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ މެއި މަހާއި ސެޕްޓެމްބަރ މަސްކަމަށެވެ. އެގޮތުން އެމަސްތަކުގައި އެވްރެޖްކޮށް 500 މިލިލީޓަރުގެ ވާރޭވެހޭކަމަށް ރިކޯޑުކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެހެން މަސްމަހު އާއްމުގޮތެއްގައި ރިކޯޑުކުރެވިފައިވަނީ އެވްރެޖްކޮށް 200 މިލިލީޓަރުގެ ވާރޭކަމަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް އާއްމުކޮށް އަހަރަކު ވާރޭ ވެހޭ މިންވަރަށް ބަދަލު ނާންނަކަމަށެވެ. ނަމަވެސް ވާރޭ ވެހޭ ދުވަސްތައް މަދުވެފައިވާކަމަށާއި، ވާރޭ ވެހޭ ދުވަސްތަކުގައި ވެހޭ މިންވަރު އިތުރުކަމަށް ރިކޯޑުކުރެވިފައިވާކަމަށެވެ. އެހެންކަމުން މިހަފްތާގައި ރާއްޖެއަށް މިކުރާ ވިއްސާރައިގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ އިދާރާއިން އާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރު އެވްރެޖްކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ގިނައިން ވާރޭ ވެހިފައިވެއެވެ. އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ރަށްރަށަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިޕޯޓުކޮށްފައިވަނީ އދ. މާމިގިލީއަށެވެ. މާމިގިއްޔަށް 62 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ. 61.3 މިލިލީޓަރުގެ ވާރެއާއެކު ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ ގދ.ކާޑެއްދޫއަށެވެ. އަދި ހުޅުލެއަށް 59.4 މިލިލީޓަރުގެ ވާރޭ ކ.ދިއްފުއްޓަށް 52.9 މިލިލީޓަރުގެ ވާރޭ ވެހުނުކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މިހާރުދަނީ ވިއްސާރަކުރަމުންނެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މިހަފްތާގެ ކުރިއަށް އޮތް 3 ދުވަހުވެސް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިންވަނީ ލަފާކުރައްވާފައެވެ. އަދި މިވިއްސާރައިގައި ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އެގޮތުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިންވަނީ ވިދާޅުވެފައެވެ.