ޚަބަރު

ހުވަދޫ، އައްޑޫ އަދި ފުވައްމުލަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި ގުޅޭގޮތުން މަހާސިންތާއެއް


  • މަހާސިންތާ ކުރިއަށްދަނީ މެންހައްޓަން މޯލްޑިވްސް ބިޒްނަސް ސްކޫލްގައި

ހުވަދޫ، އައްޑޫ އަދި ފުވައްމުލަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްޓަކައި ޚާއްސަ މަހާސިންތާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"ސައުތް ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024" ނަމުގައި ބާއްވާ މަހާސިންތާ އިންތިޒާމްކުރަނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިންނެވެ.

ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރުމަށް ނިންމާފައިވާއިރު، އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ކަމާއި ގުޅުންހުރި ހުރިހާ ފަރާތެއް ބައިވެރިވާގޮތަށް މަޝްވަރާތައް ބޭއްވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.

މިމަސައްކަތުގެ ދަށުން ބާއްވާ "ސައުތް ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024" ބޭއްވުމަށް ހަމަޖެހިފައިވަނީ މެންހެއްޓަން ބިޒްނަސް ސްކޫލްގައެވެ.

މިމަހާސިންތާގެ މަޤްސަދަކީ އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅަށް ބައިނަލްއަޤުވާމީ ކަނެކްޓިވިޓީއަށް އަހައްމިއްޔަތުކަން ދީގެން އެސަރަޙައްދަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި އަދި މިމަސައްކަތުގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ މަޝްވަރާކުރުންކަމަށް ފަތުތުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން ފަތުރުވެރިކަން ދެކުނުގައި ތަރައްޤީކޮށް ފުޅާކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ކުރެވެމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމަށް ސާރުކާރުން ކުރު އަދި މެދުރާސްތާގެ ޕްލޭނެއް އެކުލަވާލުމަށް މަގުފަހިކުރެވޭނެކަމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ މިމަހާސިންތާގައި، ދެކުނުގެ އަތޮޅުތަކުގައި ހިންގަމުންދާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ތަރައްޤީކުރަމުންދާ ތަންތަނާއި، އިންޓަރނޭޝަނަލް އެއަރލައިން އޮޕަރޭޓަރުންނާއި، ޓްރެވެލް އޭޖެންސީތަކާއި، އެސޯސިއޭޝަންތަކާއި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުންނާއި، އަދި ސަރުކާރުގެ އެކި ވުޒާރާތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ.