"ސީ-ޓު-އެއަރ ކާގޯ" ޚިދުމަތް ކާމިޔާބު ކަމަށާއި މިހާރު މަހެއްގެ މައްޗަށް 12 ވަރަކަށް ކޮންޓެއިނަރގެ މުދާ ޔޫރަޕްގެ ޤައުމުތަކަށް ފޮނުވަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތް ދެމުންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ސްޓޭޓް ޝިޕިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެންނެވެ.
މި ޚިދުމަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލު، ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އެމްޕީއެލްއަށް އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.
އެގޮތުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް އެމްޕީއެލްއިން ސީ-ޓު-އެއަރ ކާގޯ ހިދުމަތް ފަށާފައިވާއިރު، މިއީ ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ވިޔަފާރިއެއް ކަމަށް ވަޖީހު ވިދާޅުވިއެވެ.
"މިއީ ވަކި އިންޑަސްޓްރީއެއް، މި މަސައްކަތް މިދާގޮތަކީ، ހާއްސަގޮތެއްގައި ބަންގްލަދޭޝްއިން އާދަޔާ ހިލާފަށް ގިނައިން ދާނެ ހެދުމުގެ ބާވަތްތައް ޔޫރަޕްގެ ޤައުމުތަކަށް، ފުރަތަމަ މި އަންނަނީ ކޮންޓެއިނަރގައި ސްރީލަންކާއަށް، ސްރީލަންކާ މަގުން ވައިގެ މަގުން މިދަނީ ދުނިޔޭގެ އެހެން ޤައުމުތަކަށް،ހަޤީގަތަކީ ރާއްޖެއަށް އެބައޮތް އެ މާރކެޓު ނެގެން" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ މި ޚިދުމަތް ކާމިޔާބު ކަމަށާއި މިހާރު މަހެއްގެ މައްޗަށް 12 ވަރަކަށް ކޮންޓެއިނަރގެ މުދާ ޔޫރަޕަށް ފޮނުވަމުންދާކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން މަހެއްގެ މައްޗަށް ދިހަ ބާރަ ކޮންޓެއިނަރ އެބަ ފޮނުވަން ވައިގެ މަގުން ޔޫރަޕްގެ ގައުމުތަކަށް، އެއީ ސްރީލަންކާއަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް އެކަން ކުރެވެން އެބައޮތޭ، އެއީ ސްރީލަންކާއަށްވުރެ ރާއްޖޭގައި ޑެސްޓިނޭޝަންސް ގިނަވާނެ ޔޫރަޕްގައި،" ވަޖީހު ވިދާޅުވިއެވެ.
މި ޚިދުމަތާއެކު ރާއްޖޭގައި ކަރގޯގެ ޚިދުމަތް ފުޅާވެ އިޤްތިޞަދު ސިންދަފާތުކުރުމަށްވެސް އެހީއަކަށްވެގެންދެއެވެ. އަދި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެންދާނެކަން އެމް.ޕީ.އެލްއިން ފާހަގަކުރެއެވެ.