ޚަބަރު

އާދިއްތަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރައްކާތެރިވާން އިލްތިމާސްކޮށްފި


  • މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށްވަނީ ލަފާކޮށްފައި

  • ވިލާގަނޑުގައި 40 މޭލާއި 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެ ހިމެނޭ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އަންނަ ހަފްތާތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ހަފްތާގެ ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ބެލެވޭކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ކުރިއަށް އޮތް ހަފްތާގައި މޫސުމަށް ބެލުމަށްފަހު ދަތުރުތައް އިންތިޒާމުކުރުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސްވަނީ ރައްކާތެރިވުމުގެ އިރުޝާދުތައް ޢާއްމުކުރައްވާފައެވެ. އެގޮތުން ޢާއްމުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ވާރޭވެހި ފެން ބޮޑުވެދާނެކަމަށް ލަފާކުރެވޭތީ އެކަމަށް ތައްޔާރުވެ ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ދޮރުމަތީގައި ވެލި ބަސްތާޖެހުމަށް އެންޑީއެމްއޭއިންވަނީ އެދިވަޑައިގެންފައެވެ. އަދި ފެން ބޮޑުވެ ގެއްލުންވެދާނެ ފަދަ މުދާ، ފެން ނުޖެހޭނެހެން އުސްތަންތަނަށް ބަދަލުކުރުމަށްވެސްވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ވައި ގަދަވެ ފުރާޅުއެއްލާލާނެކަމަށް ލަފާކުރެވޭނަމަ ދުރާލާ ވައުޖަހައިގެން ފުރާޅު އެއްލާނުލާނެހެން ހައްޔަރުކުރުމަށްވެސްވަނީ އިރުޝާދުދެއްވާފައެވެ.

އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން މޫސުމީ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށާއި، އުޅަނދުތަކުގައި ހުރި މުވާސަލާތީ ނިޒާމުތަކާއި، ރައްކާތެރިކަމަށްޓަކައި ހުންނަންޖެހޭ ވަޞީލަތްތައް ހުރި ނެތްގޮތް ބެލުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ގޭބިސީތަކުގައި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުމަށް އެންޑީއެމްއޭއިންވަނީ އިރުޝާދުދެއްވާފައެވެ.

ހުޅަނގު މޫސުން ޢާއްމުގޮތެއްގައި ރާއްޖެއަށް ދިމާވަނީ މެއި މަހުގެ މެދެއްހާ ހިސާބުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.