މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު އަލީ ޝަރީފް ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ އޭދަފުށީގައި އިޔާދަކުރަނިވި ހަމަތައިގެ މަޝްރޫއު އިފްތިތާހުކުރުމެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޭދަފުއްޓަށް ޒިޔާރަތްކުރެއްވުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، ކައުންސިލް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިން ވަޒީރަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް ޖަމާވެފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ އޭދަފުށީ ކައުންސިލާ ބައްދަލުކުރައްވައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި އޭގެފަހުން އެރަށުގައި ޤާއިމުކުރެވުނު 1.2 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އަރައިސް މަޝްރޫޢުގެ ދަށުން ތަރައްޤީކޮށް ސޯލާ ޕީވީ ޙަވާލުކުރެވުނު ފުރަތަމަ ރަށެވެ.
މީގެއިތުރުން ވަޒީރު ވަނީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އަދި ރާއްޖޭގެ އެންމެ އަގުހުރި ޤުދުރަތީ ޙިމާޔަތްތަކުގެ ތެރޭގައި ހިމެނޭ ހަނިފަރު ބޭ ހިމެނޭ ގޮތަށް، ހަނިފަރު މެރިން ޕްރޮޓެކްޓެޑް އޭރިއާއަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި އެ ސަރަޙައްދު ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ރޭންޖަރުންނާ ބައްދަލުކުރައްވައި، އެ ސަރަޙައްދު ބެލެހެއްޓުމާއި މޮނިޓަރކުރުމުގެ އިތުރުން ޙިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވަޒީރު ވަނީ ހޯއްދަވާފައެވެ.
ހަމައެއާއެކު، މި ދަތުރުފުޅުގައި ވަޒީރު ވަނީ ޙިމާޔަތްކޮށްފައިވާ އިތުރު ދެ ރަށަކަށްވެސް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ޚާއްޞަ ސިފަތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވައި އެ ތަންތަން ބައްލަވާލައްވާފައެވެ