ތިމާވެށި

އީކޯ ލޭބަލް ދިނުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް އިސްކަން


މަސްވެރިކަމުން ބާނާ މަހަށް އީކޯ ލޭބަލް ދިނުމުގައި ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތްތަކަށް، އަދި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އިސްކަންދިނުމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ގޮވާލައްވައިފިއެވެ.

މަހުގެ ކޮލިޓީ ވަޒަންކޮށް ތިމާވެއްޓާ ރައްޓެހިކަމުގެ މިންގަނޑު ބަލާ ފަރާތްތަކަށް ޢަމާޒުކުރައްވާ ޑރ. ޝައިނީ މިކަމަށް ގޮވާލައްވާފައިވަނީ ތައިލެންޑުގައި ބޭއްވި 14 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ކަނޑައެޅުމުގައި މުހިއްމު ރޯލެއް އަދާކުރާ އީކޯ ލޭބަލް ދިނުމުގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، ދާއަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތް އެއްހަމައެއްގައި ނުމިނޭނެކަމަށް ވިދާޅުވިއެވެ.

އަދި، ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިނުގަތުން މިއީ، ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް އެޅިގެންދާ ހުރަހެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ބާޒާރުގެ ހަމަތަކަށް ބަރޯސާވެފައިވާ ނިންމުންތަކުގެ ސަބަބުން، ޖީ ހަތެއްގެ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި ދެމެދު ބޮޑު ފަރަގެއް ކުރެވޭކަމަށާއި، މިއީ ކުދި ޖަޒީރާ ޤައުމުތަކަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އާމްދަނީއާއި ނަފާ ވަރަށް ބޮޑުތަން ހީނަރުވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި، ރާއްޖެއިން ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ރާއްޖެއަށް ޚާއްޞަ އެވޯޑެއް ދީފައިވެއެވެ.