ޚަބަރު

ކަނޑުއުޅަނދުފަހަރުގެ ކެޕްޓަނުންނަށް ބޯޓް އޮޕަރޭޓާސް ތަމްރީނު ޕްރޮގްރާމެއް ފަށައިފި


  • މި ޕްރޮގްރާމް ކުރިއަށްދަނީ ބުރާސްފަތި ދުވަހާ ހަމައަށް

  • މި ޕްރޮގްރާމްގައި 64 މީހުން ބައިވެރިވޭ

ކަނޑުއަޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން ބާއްވަމުންގެންދާ ބޯޓް އޮޕަރޭޓާސް ތަމްރީން ޕްރޮގްރާމް އެލިއާ އިންވެސްޓްމަންޓްސްއިން ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ އެލިއާއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައ.ިޓީ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ ޕްރޮގްރާމްއެވެ. މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރުތައް ތަރައްގީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.

އެލިއާއިން ބުނީ ކަނޑުމަތީގެ ފަންނުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އައުޓްބޯޑް އިންޖީނުއެޅި އުޅަނދުތަކުގައި އިތުބާރާއެކު ދަތުރުކުރުމަށް ކެޕްޓަނުންނަށް ވަރަށް ބޭނުންތެރި ތިއަރީއާއި ހުނަރުތައް ހިމެނޭ ޚާއްސަ ސެޝަންތަކެއް ހިމެނޭކަމަށެވެ.

މީގެ އިތުރުން މިޕްރޮގްރާމްގައި އުޅަނދު ދުއްވުމުގައި ޚާއްޞަ ސަމާލުކަން ދިނުން މުހިންމު ކަންތައްތަކާއ،ި ނޭވިގޭޝަން ޗާޓާއި، ސޭފްޓީ ޕްރޮޓޮކޯލްތަކާ ގުޅޭ މަޢުލޫމާތުތައް ދިނުމަށް ހަމަޖެހިފައެވެ. އަދި ޕެސެންޖަރަކަށް ސިއްޙީ ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކަށް ކެޕްޓަނުން އަހުލިވެރި ކުރުވުމާއ،ި އަލިފާނުގެ ޙާދިސާއެއްފަދަ ކުއްލި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ އިތުރުން، އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއްވެސް ހިމެނޭކަމަށް އެލިއާއިން ބުނެއެވެ.

ޖުމްލަ 64 ބައިވެރިންނާއެކު ބާއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 އިން 8 އަށެވެ. ތަފާތު އެކި ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުންވެސް މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެއެވެ.

މީގެ އިތުރުން އެލިއާއިން ހިންގާ ތަފާތު ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީއާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން ރާއްޖޭގައި ހިންގާ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގ 2024 ވެސް ވަނީ އިފްތިތާޙު ކޮށްފައެވެ. މިއީ ރާއްޖޭގައި ބާއްވާ މީގެ 5 ވަނަ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެވެ.

އެލިއާއިން މުޖުތަމައަށް ބޭނުންތެރި މިފަދަ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދެއެވެ. މިއަހަރަކީ އެލިއާއިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތަޢާރަފްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރެވެ.