ޚަބަރު

ބަންކަރިންގެ ޚިދުމަތް މިމަހުގެ 22ގައި ފަށަނީ


  • ޚިދުމަތް ފެށުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެންނާނެ

  • ޚިދުމަތް ދޭނީ އޮފްޝޯ ނުވަތަ ކަނޑުގައި އުޅަނދު ބާއްވައިގެން

  • އަމާޒަކީ ބިން ހިއްކައިގެން ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ދިނުން

އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިމަހުގެ 22 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފެށުމަށް ޚާއްޞަ ހަފްލާއެއް އެ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޗައިނާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރީ-އެކްސްޕޯޓު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން އުތުރުގައި ބަންކަރިންގެ ޚިދުމަތް މިމަހުގެ 22 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

"ރާއްޖެ ކަނޑެއްގެ މެދުގައި އޮންނައިރު، ރާއްޖެއަށް މެރިޓައިމް ސިނާއަތުގެ ފައިދާ ނެގުމާއި ރީ-އެކްސްޕޯޓު ފުޅާކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އެގޮތަށް މަސައްކަތްކުރަމުން މިދަނީ، ބަންކަރިންގ ހިދުމަތްވެސް މިމަހުގެ 22 ވަނަ ދުވަހު ފެށިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި ވިޓޯލް ބަންކާސްއާއެކު ޓާރމް ޝީޓުގައި އެސްޓީއޯއިން ވަނީ ސޮއިކޮށްފައެވެ. ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރާތެކެވެ. ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

ރާއްޖޭގައި އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެންނާނެކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއިން ހާމަކުރެއެވެ.

އެޚިދުމަތް ފުރަތަމަ ފަށައިގަންނައިރު 2 ބޯޓު ބޭނުންކޮށްގެން އޮފްޝޯ ނުވަތަ ކަނޑުގައި އުޅަނދު ބާއްވައިގެން ޚިދުމަތް ދިނުމަށް ނިންމާފައިވާ އިރު އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ބިން ހިއްކައިގެން އެބިމުގައި ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.