ޚަބަރު

އާރުޓީއެލް ފުވައްމުލައް – ވާދޫ ރޫޓުގައި މިހާރު ފަރެސްމާތޮޑާގައިވެސް މަޑުކުރާނެ


  • މިއީ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނެވުނު ބަދަލެއް

  • މި ދަތުރުތަކުގައި ބޭނުންކުރަނީ 50 މީހުންގެ ޖާގައިގެ ސްޕީޑް ފެރީ

އާރުޓީއެލް ފެރީ ޚިދުމަތުގެ ފުވައްމުލައް – ވާދޫ ރޫޓުގައި ފަރެސްމާތޮޑާގައިވެސް މަޑުކުރާގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، އެކުންފުނިން ފޯރުކޮށްދެމުންދާ އާރުޓީއެލް ފެރީ ޚިދުމަތުގައި ހިމެނޭ ޒޯން 5 ހުވަދޫ އަތޮޅު، އަދި ޒޯން 6 ( އައްޑޫ ސިޓީ/ ފުވައްމުލައް ސިޓީ) ގުޅުވާދޭ ފުވައްމުލައް – ވާދޫ ރޫޓަށް މިހާރު އައު ސްޓޮޕެއް އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ ކަސްޓަމަރުންގެ ފީޑްބެކްއަށް ބެލުމަށްފަހު މި ޒޯންގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ގެނެވިފައިވާ ބަދަލެއްކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.


ޤައުމީ ފެރީ ނިޒާމް ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދެމުންގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. މިގޮތުން އެންމެ ދެކުނުގައި އޮތް ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި އެމް.ޓީ.ސީ.ސީން ޚިދުމަތްދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ.

ޒޯން 5 އަދި 6 ގުޅާލުމަށާއި ޒޯން 6 ގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން 50 މީހުންގެ ޖާގައިގެ 2 ސްޕީޑް ފެރީ ބޭނުންކުރެއެވެ. އަދި ހަފްތާއަކު 7 ދުވަހު އަރްޓީއެލްގެ ޚިދުމަތް 2 މިރޫޓުން ލިބޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ކުރާ މަސައްކަތުގެ ދަށުން އާރް.ޓީ.އެލް ފެރީގެ ޚިދުމަތް އެންމެފަހުން ފަށާފައިވަނީ ނ. އަތޮޅުގައެވެ.