ޚަބަރު

ބަންގްލަދޭޝްގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހީން ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


  • މިވަގުތު ބަންގަލަދޭޝްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކުރައްވައިފިއެވެ

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކަކީ ޖުލައި މަހު ބޭއްވި މުޒާހަރާތަކުގައި މަރުވި 150އަށްވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ކުރިއަށްދަ މުޒާހަރާތަކެކެވެ. މި އިހްތިޖާޖުތައް އިންތިޒާމު ކޮށްފައި ވަނީ، ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ދަރިވަރުންގެ ޖަމުޢިއްޔާ, ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަނުންނެވެ. ޖުލައިގައި ބޭއްވި ބޮޑެތި މުޒާހަރާތައް އިންތިޒާމު ކުރުމުގައިވެސް އެ ޖަމުޢިއްޔާއިން އިސްދައުރެއް އަދާ ކުރިއެވެ.

ޖުލައިގައި ބޭއްވި މުޒާހަރާތައް ހުއްޓައިލާފައި ވަނީ ސަރުކާރު ވަޒީފާ ދިނުމުގައި އަމަލު ކުރާ ކޯޓާ ނިޒާމު. މުރާޖަޢާ ކުރަން އެޤައުމުގެ ސުޕްރީމް ކޯޓުން ޢަމުރު ކުރުމާ ގުޅިގެންނެވެ. މުޒާހަރާތައް ހުއްޓައިލި ނަމަވެސް, ދަރިވަރުންގެ ޖަމުޢިއްޔާތަކުން އަނެއްކާވެސް މަގުތަކަށް ނިކުމެފައި މި ވަނީ, ފުލުހުންގެ ޙަމަލާތަކުގައި މަރުވި ދަރިވަރުންނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައެވެ.

ޖުލައި މަހު ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ބާއްވާފައިވާ މުޒާހަރާތަކަކީ, ހަތަރުވަނަ ދައުރަކަށް އިންތިޚާބު ވެފައިވާ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑެތި މުޒާހަރާތަކެވެ. ޖެނުއަރީ މަހު ބޭއްވި އިންތިޚާބު ބޮއިކޮޓުކޮށް, އިދިކޮޅު މައި ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން އިންތިޚާބުގައި ބައިވެރިވެފައެއް ނުވެއެވެ.

މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ޒަޚަމު ކޮށްލައި 1,600އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާތީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިތުރުން އިރުއުތުރު ސިލޭޓް ޑިސްޓްރިކްޓުގެ މަގުތަކަށްވެސް އެތަކެއް ހާސް ބަޔަކު ޖަމާވިއެވެ. ފުލުހުން ވަނީ ސިލޭޓްގައި ބޭއްވި ހިނގައިލުމުގައި ބައިވެރިވި މީހުން ހުއްޓުވަން ބާރުގެ ބޭނުން ކޮށްފައެވެ.

މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އެގޮތުން، މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއިމ ކޮމިލާގައި ހުރި 1 ދަރިވަރަކަށް، ހައިކޮމިޝަނުން އަންނަނީ ގަވާއިދުން ގުޅައި ހާލު ބަލަމުން ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.

އެ ދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން މައުލޫމާތު ދެއްވާފައިވާކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.

މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި، ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ އިލްތިމާސްކުރައްވަފައެވެ.