ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ގޮތުން މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއި ގާތުން ލުއިފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ސަރުކާރުން ދަނީ، މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑީއެންއާރުން ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން 17 އަހަރުވީ ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑީއެންއާރުން ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ދިވެހި ރައްޔިތުންނަށް އައިޑީ ކާޑުގެ ޚިދުމަތް ދެމުންދާ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މިއަހަރު ނިމުމުގެ ކުރިން އައު ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޑިއެންއާރުން އިއުލާންކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް އިއުލާން ކޮށްފައިވާއިރު، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަން އޮންނާނީ، މިމަހުގެ 12ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ވެލާނާގެ 4 ވަނަ ފަންގިފިލާގައެވެ. މި މަސައްކަތަށް ބިޑު ހުށަހެޅޭނީ، މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށާއި މިމަސައްކަތް ކުރުމަށް ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށްވެސް ޑީއެންއާރުން މައުލޫމާތުދެއްވައެވެ.
ޑީއެންއާރުން ވިދާޅުވީ، މި ބަދަލާއެކު އައިޑީ ކާޑުގެ ޚިދުމަތް ހޯދާ ދިވެހި ރައްޔިތުންނަށް ރީތި، ޒަމާނީ އަދި ކުރިއަށްވުރެ ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. މި މަސައްކަތަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ޑީއެންއާރުން ދެމުންދާ ޚިދުމަތްތަކަށް ވަނީ، ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ޑީއެންއާރުގެ އިތުރު 3 އޮފީހެއް ހުޅުވައި، ދަނީ ޚިދުމަތް ދެމުންނެވެ. އެއީ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލެއެވެ. މީގެއިތުރުން މެލޭޝިޔާ، ސްރީލަންކާ އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އިތުރުން ބައެއް ރަށްރަށުގައިވެސް އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
މި ޚިދުމަތް ރަށްރަށުގައި ފެށުމުން ރައްޔިތުންނަށް ވަނީ، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިފައެވެ. އެގޮތުން އައިޑީ ކާޑު ހެދުމަށް އޮންލައިންކޮން ހުށަހެޅުމާއި، އެމީހަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ތަނަކުން އަވަސްކަމާއެކު ލިބެއެވެ.