ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާއަކީ، އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމިއްޔާއާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް" ނަމުގައި އއ. އުކުޅަހުގައި ކުރިއަށް ގެންދާ މަހާސިންތާއަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތައް ބައިވެރިވާ މަހާސިންތާއެކެވެ. މި މަހުގެ 3 އިން 5 އަށް ކުރިއަށްދާ މި މަހާސިންތާ ރަސްމީކޮށް ފައްޓަވައިދެއްވީ، އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، މިމަހާސިންތާގައި 26 ޤައުމަކުން 46 މަންދޫބުން ބައިވެރިވާ ކަމަށެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ އޮޑިޓްކުރުމުގައި ބޭނުންކުރާ އަމަލީ އުސޫލުތައް ހިއްސާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމުގައި އެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާކުރުން ކަމަށެވެ. މި މަހާސިންތާގެ ތެރެއިން އުނގެނުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން ޖަވާބުދާރީވުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއެޅޭނެ ގޮތްތަކާ މެދު މި ބައްދަލުވުމުގެ ބައިވެރިން މަޝްވަރާ ކުރާނެއެވެ.
މި މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވަނީ، ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ތިން ދުވަހަށް ކުރިއަށް ގެންދާ މިމަހާސިންތާގައި ގިނަ މަޢުޟޫޢުތަކަށް ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދާނެއެވެ. ފުރަތަމަ ދުވަހުގެ ޕެނަލް ޑިސްކަޝަންތައް ޚާއްސަކޮށްފައިވަނީ، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޮޑިޓް އޮފީސްތަކުން އަދާކުރާ ދައުރަށެވެ. މީގެ އިތުރުން ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ބަޖެޓު ކުރުމާއި، މާލީ ކަންކަން ހަމަޖެއްސުމާއި ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ.
މަހާސިންތާގެ ދެވަނަ ދުވަސް ޚާއްސަ ކޮށްފަައިވަނީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތައް އަދާކުރާ ދައުރުގެ މައްޗަށެވެ. މީގެ އިތުރުން ހިނގުމުގެ ނިޒާމު ޑިޖިޓަލައިޒު ކުރުމާއި ގުޅޭ ސެޝަންތަކެއްވެސް ކުރިއަށްދާނެވެ.
މި މަހާސިންތާ މިމަހުގެ 5 ވަނަ ދުވަހު ނިންމާލުމަށްފަހު، އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާ 'އިންޓޯސައިން' ކޮންމެ އަހަރަކު ބާއްވާ (އައިޑީއައި ގްލޯބަލް ސަމިޓް) ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓަކީ އޮޑިޓަރ ޖެނެރަލް އޮފީހާއި އިންޓޮސައި ގުޅިގެން ބާއްވާ ސަމިޓެކެވެ. އެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ، ސިޑްސް މަހާސިންތާއަށްފަހު މިމަހުގެ 6 އަކުން 7 އަށް އުކުޅަހުގައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މިފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ބޭއްވުމަކީ ރާއްޖޭގެ ރަށްފުށުގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.