ޚަބަރު

ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 497 މިލިޔަން ރުފިޔާގެ އާމްދަނީއެއް


  • މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 664.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު

  • އާމްދަނީ ދަށްވެފައިވަނީ ކޭޝްފްލޯ ދަތިތަކާއި

  • ގާ ހުދުވުމުގެ މައްސަލައާއި ގުޅިގެން މަޝްރޫޢުތައް މަޑުޖައްސާލުމުން

މިއަހަރުގެ ދެވަނަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 497 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވާ އާމްދަނީއަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 664.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 497.4 މިލިޔަން ރުފިޔާއެވެ.

ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ކޭޝް ފްލޯގެ ދަތިތަކާއި އެކު އެކުންފުނީގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކަށް އޭގެ އަސަރުކުރުމުންނެވެ. އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ކޮންސްޓްރަކްސް ސެގްމަންޓުންނެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާއިން ލިބުނު އާމްދަނީވަނީ %29 ދަށްވެފައެވެ. އަދި އެ ކުއާޓަރުގެތެރޭގައި ރާއްޖެއަށް ކުރިމަތިވި ގާ ހުދުވުމުގެ މައްސަލައާއި ގުޅިގެން ތަރައްޤީގެ ބައެއް މަޝްރޫޢުތައް މަޑުޖައްސާލުމަށް ކަމާއި ބެހޭ ފަރާތްތަކުން އެނގުމާއި ގުޅިގެން ބިން ހިއްކުމުގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމާއި އެކު އެމްޓީސީސީއަށް ލިބެން ޖެހޭ އާމްދަނީގެ %13 ވަނީ ދަށްވެފައެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއިން ވަނީ 41 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިދާއިރާއިން އާމްދަނީގެގޮތުގައި ލިބުނު 39 މިލިޔަން ރުފިޔާ އާއި އަޅާ ބަލާއިރު %4 އިތުރު އަދަދެކެވެ.

އެމްޓީސީސީއަކީ ފުޅާ ދާއިރާއެއްގައި މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏެއްކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާއިން ލިބިފައިވަނީ 72 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދާއިރާއިން އާމްދަނީގެގޮތުގައި ލިބިފައިވާ 77 މިލިޔަން ރުފިޔާ އާއި އަޅާ ބަލާއިރު %9 ދަށް އަދަދެކެވެ.

ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ ދަށްވުމުން އެ ކުއާޓަރުގައި ކުންފުންޏަށްވަނީ 54 މިލިޔަން ރުފިޔާގެ ގެއްލުމެއްވެފައެވެ.