ދުނިޔެ

އޮބާމާ އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު


އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވޮޝިންޓަނުން ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި އޮބާމާ ފުރަތަމަ ޒިޔާރަތް ކުރައްވާނީ ވިއެޓްނާމަށެވެ. މިއީ އެމެރިކާގެ ރައީސެއްގެ ޙައިސިއްޔަތުން އޮބާމާ ވިއެޓްނާމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ވިއެޓްނާމަށްފަހު އޮބާމާ ޒިޔާރަތް ކުރައްވާނީ ޖަޕާނަށެވެ. އެއީ ޖަޕާންގެ ސެންޑާއި ގައި ބާއްވާ ޖީ ހަތެއްގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ.

ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި އެޤައުމުގެ ތާރީޚީ ރަށެއްކަމަށްވާ ހިރޮޝީމާއަށްވެސް އޮބާމާ ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. ހިރޮޝީމާއަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމެން އުޅެނިކޮށް އެމެރިކާއިން އެޓޮމްބޮމުގެ ޙަމަލާއެއް ދިން ޖަޕާނުގެ ސިޓީއެކެވެ. އެޙަމަލާގައި ޖަޕާނުގެ އާންމުންގެ ލައްކައަކަށްވުރެ ގިނަމީހުން އެއްފަހަރާ މަރުވެފައިވާއިރު އެތަށް ލައްކަ ބަޔަކު އެބޮމުގެ ރޭޑިއޭޝަންގެ ސަބަބުން ފަހުން މަރުވެފައިވެއެވެ. 

ނަމަވެސް ހިރޮޝީމާ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ހިންގާފައިވާ މި ބޮޑު ޖަރީމާ އަށް، އޮބާމާގެ ދަތުރުފުޅުގައި، މަޢާފަށް އެދިވަޑައިނުގަންނަވާނެ ކަމަށް އެމެރިކާއިން ބުނެއެވެ. ޖަޕާނުންވަނީ އެޖަރީމާއަށް މަޢާފަށް އެދުމަށް އެމެރިކާއަށް އިލްތިމާސްކޮށްފައެވެ.