ހުޅުމާލޭގެ ދުވާރުމަތީގައި ގޮނޑިމޭޒު ބަހައްޓައިގެން ބައެއް ތަންތަނުން ޚިދުމަތް ދިނުން ހައްލުނުކުރެވިގެން އަނެއްކާވެސް އެތަކެތި ނެގުމަށް އަންގައިފިއެވެ.
އެޗް.ޑީ.ސީން ވަނީ މިތަކެތި ނެގުމަށް ދެ ފަހަރަކު ވިޔަފާރިތަކަށް އަންގާފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައާއި މިދިޔަ ޖުލައި މަހު އެ ކޯޕަރޭޝަނުން ވަނީ ދުވާރުމަތީގައި ހުންނަ ތަކެތި ނެގުމަށް މުއްދަތު ދީފައެވެ. ނަމަވެސް އެ ދެ އިއުލާނުގައި ދިން މުއްދަތު ހަމަވިއިރުވެސް އެތަކެތި ނަގާފައެއްނުވެއެވެ.
އެޗް.ޑީ.ސީން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ހުޅުމާލޭގައި އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުޞޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އެކަން އެންގި ނަމަވެސް އެކަމަށް ވިޔަފާރިތަކުން އިޖާބަދީފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒުފަދަތަކެތި ބަހައްޓައިގެން ޚިދުމަތް ދެމުންދަނީ ކެފޭ، ރެސްޓޯރެންޓް އަދި ޓެކް-އަވޭ ޕޮއިންޓުތަކުން ކަމަށް މީގެ ކުރިން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. މިގޮތަށް ޚިދުމަތް ދިނުމުގެ ސަބަބުން އާންމުންނަށް ދަތިވާ ކަމަށާއި އެކަމުގެ ޝަކުވާތައް ލިބޭ ކަމަށްވެސް އެޗްޑީސީން ފާހަގަކުރެއެވެ.
އެޗް.ޑީ.ސީން ވިދާޅުވީ، މިގޮތަށް ދުވާރުމަތީގައި ތަކެތި ބެހެއްޓައިގެން ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ނޭދެވޭ އަސަރުކުރުމާއި އަދަބާ ޚިލާފު އިބާރާތްތަކުން މުއާމަލާތްކުރުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުންވެސް ލިބޭ ކަމަށެވެ.
ދެ ފަހަރުމަތިން ވިޔަފާރިތަކުން މިގޮތަށް ބަހައްޓާފައިވާތަކެތި ނެގުމަށް ދިން މުއްދަތުގައި އެތަކެތި ނަގާފައިނުވާތީ އިތުރު މުއްދަތެއް އަނެއްކާވެސް އެޗް.ޑީ.ސީން ވަނީ ދީފައެވެ. އެގޮތުން، މި މަހުގެ 10ވަނަ ދުވަހާ ހަމައަށް އެތަކެތި ނެގުމަށް ވަނީ އަންގާފައެވެ.
މި މުއްދަތުގައި ގޮނޑިއާއި މޭޒުތައް ނުނަގާމނަމަ އެތަކެތި ނަގައި އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވިއެވެ.