ދުނިޔެ

ޗައިނާއަށް ކުރަމުންދާ ވިއްސާރައިގައި 8 މީހުން މަރުވެއްޖެ


ޗައިނާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 8 މީހުން މަރުވެ 4 މީހުން ގެއްލި އިތުރުބަޔަކު ޒަޚަމްވެއްޖެއެވެ.

ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މަސްއޫލުވެރިއަކު ވިދާޅުވީ މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެޤައުމުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ގުއަންޑޮންގްގެ ރަށެއްކަމަށްވާ ޝިންޔީއަށް ކަމަށެވެ. ޝިންޔީގައި 465 މިލިމީޓަރަށް ފެންބޮޑުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެރަށުގެ އާންމުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެތައް ހާސް ބައެއްގެ ގެދޮރު ހަލާކުވެ ބައިލައްކައަށްވުރެ ގިނަމީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު ކުރިޔަށްއޮތް ދެދުވަހުވެސް ގުއަންގްޑޮންގްގެ އިތުރުން ދެކުނުގެ ބައެއް ޕްރޮވިންސްތައް ކަމަށްވާ ފުޖިޔާން، ޔުނާން އަދި ހައިނާން އަށް ގަދައަށް ވިއްސާރަ ކުރާނެކަމަށް އެޤައުމުގެ މޫސުމާބެހޭ އިދާރާއިންވަނީ ލަފާކޮށްފައެވެ.