އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އެނދުގެ ޢަދަދު ނުވަތަ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ނިންމައިފިއެވެ.
ބެޑް ކެޕޭސިޓީ އިތުރުކުރަމަށް ބިން ކަނޑައެޅުމާ ގުޅޭގޮތުން އައިޖީއެމްއެޗާއި ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާ ދެމެދުގައިވަނީ މަޝްވަރާކޮށްފައެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ހުޅުވިތާ 29 އަހަރުވަނީ ވެފައެވެ. އެ ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއަކީ ގާތްގަޑަކަށް 350 އެނދެވެ. އައިޖީއެމްއެޗަކީ ރާއްޖޭގެ މައި ހޮސްޕިޓަލަށްވެފައި އެ ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްދިނުމަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ އެނދުގެ ޢަދަދު މަދުވުމެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް 74 އެނދުގެ 4 ފަންގިފިލާގެ ޢިމާރާތެއް އަޅާނެ ތަނަކާ ގުޅޭގޮތުން ގެދޮރުވެރިކަމާ ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާ ވަނީ މަޝްވަރާކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައި.ޖީ.އެމް.އެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާގް ޙަލީމް ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހުޅުވިފަހުން މިހާތަނަށްވެސް އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްފައި ނުވާކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ އާބާދީ އިތުރުވުމުން އެޑްމިޓްކޮށްގެން ބަލިމީހުންނަށް ފަރުވާދިނުމުގައި އެނދުގެ ދަތިކަން ކުރިމަތިވުމުން މިހާރުން މިހާރަށް އެނދު އިތުރުކުރަން ޖެހިފައިވާކަމަށް އިބްރާހީމް ޙަލީމް ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ މަސައްކަތް ފެށުމައް ނިންމާފައިވާކަމަށާއި އެ ހޮސްޕިޓަލަށް 74 އެނދު އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް އިބްރާހީމް ޙަލީމް ވިދާޅުވިއެވެ.
Today, the key stakeholders of the Project to Establish a 100-Bed Hospital in Villimale convened with the China International Development Cooperation Agency and the technical team from our Ministry to discuss the technical aspects of the feasibility study as well as the… pic.twitter.com/5mnXGe2BUV
— Ministry of Construction and Infrastructure (@MoCImv) July 31, 2024
އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވީ މިވަގުތަށް ވިސްނާފައި އޮތީ އިދާރީ މުވައްޒަފުން ތިބޭ ބްލޮކްގައި ވާރޑްތައް ތަރައްޤީކޮށް، އެނދު އިތުރުކުރުމަށްކަމަށެވެ. އަދި އިދާރީ މުވައްޒަފުން ތިބުމަށް އިތުރު ޢިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސްވެސް އޭނާ ވިދާޅުވިއެވެ.
"އެޑްމިނސިްޓްރޭޓިވް ބްލޮކްގައި ތިބޭ މުވައްޒަފުން ތިބުމަށް ކެންޓީން ސަރަޙައްދުގައި އިދާރީ އޮފީސް އިމާރާތެއް އެޅުމަށްޓަކައި މަޝްވަރާކުރި. އެތަނުގެ ކޮންސެޕްޓާއި ކުރެހުންތައް މިނިސްޓްރީއަށް ހުށައަޅާ ހުއްދަ ލިބުމުން މަސައްކަތް ފަށާނަން. މިނިސްޓްރީގެ ލަފާގެ މަތިން އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާނީ." އައި.ޖީ.އެމް.އެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާގް ޙަލީމް ވިދާޅުވިއެވެ.
އައިޖީއެމްއެޗަކީ ގިނަ ޢަދަދެއްގެ ބަޔަކު ސިއްހީ ޚިދުމަތަށް ބަރޯސާވާ ސަރުކާރުގެ މައި ހޮސްޕިޓަލެވެ. ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އައިޖީއެމްއެޗްގައި ތަފާތު ދާއިރާތަކުން 32 ސްޕެޝަލިސްޓް ޚިދުމަތް ދެމުން ދެމުން ގެންދެއެވެ.