ޚަބަރު

މިއަހަރުގެ މިހާތަނަށް ސްކޭމްތަކުގައި 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު!


  • 500 އަށްވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކްކުރި

މިއަހަރުގެ ޖުލައި މަހާހަމައަށް ސްކޭމްގެ މައްސަލަތަކުގައި 300 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް ޢަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށް ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ އިސްވެރިންނާ ވަނީ ބައްދަލުކޮށްފައެވެ.

ކޮމިޓީގައި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް ރަޝީދާ ވިދާޅުވީ އެސްއޯއީ ކޮމިޓީން އޭޕްރިލް 10 ވަނަ ދުވަހު ފޮނުވި ރިޕޯޓާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި، ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މަރްޔަމް ރަޝީދާ ވިދާޅުވީ 2023 ވަނަ އަހަރު 1،661 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވާއިރު 20 މިލިއަން ރުފިޔާ އެކައުންޓްތަކުން ގެއްލިފައިވާކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާ ހަމައަށް 1302 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ތޭރަ މިލިއަން ނުވަ ލައްކަ ނުވަދިހަ ނުވަ ހާސް ރުފިޔާ ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަރްޔަމް ރަޝީދާ ވަނީ މާކެޓް ޕްލޭސްގައި ތަފާތު އެކި ވިޔަފާރިތަކުގައި ސްކޭމް ކުރުން ގިނަކަން ފާހަގަކުރައްވާފައެވެ.

ސްކޭމްގެ މައްސަލަތަކުގައި މިއަހަރު އެޅި ފިޔަވަޅުތައް:

* 297 ސިމްކާޑް ބްލޮކްކުރި
* 780 ދެ ޑިވައިސް ނެޓްވޯކުން ބްލޮކްކުރި
* 70 ވެބްލިންކް ބްލޮކްކުރި
* 500 އަށްވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކްކުރި

މަރްޔަމް ރަޝީދާ ވަނީ ސްކޭމްގެ މައްސަލަތައް ތަހުޤީޤު ކުރުމުގައި ފުލުހުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރައްވާ، މިފަދަ މައްސަލަތަކުގައި ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ދައުރުވެގެންދަނީ ވަރަށް އަވަހަށްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި ކޯޓު އަމަރު ހޯދަން ޖެހުމުން އިތުރު ވަގުތުތައް ހޭދަވެގެންދާ ކަމަށާއި "އެވަގުތު" ނެތްކަމަށް ވިދާޅުވިއެވެ.

"ސްކޭމްގެ މައްސަލަތަކުގައި ފައިސާ ދައުރުވެގެން ދާ އެހެން އެކައުންޓްތަކުގައި ފައިސާ ހޯލްޑް ކުރެވޭނެ މެކޭނިޒަމެއް ޤާނޫނުގެ ދަށުން ނެތް. އެ ފައިސާ ހޯލްޑް ކުރަން ބޭނުންވާނަމަ ކޯޓު އަމުރެއް ބޭނުންވޭ. އަމުރުނަގާނެ ފުރުސަތެއް ނެތް އެހާ އަވަހަށް ސްކޭމް މައްސަލަތަކުގައި ފައިސާ ގެއްލިގެންދާތީ. މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކުން ބޭސިކް ސަޕްސްކްރިޕްޝަން ޑީޓެއިލްސް ކޯޓު އަމުރަކާ ނުލައި ލިބޭނެ އިންތިޒާމު ނެތުން ވެސް ދަތިވޭ. ބޭންކާއި މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ވަގުތުން މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމުން ވެސް އެއީ އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުމެއް" ންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް ރަޝީދާ ވިދާޅުވިއެވެ.

މަރްޔަމް ރަޝީދާ ވިދާޅުވީ މިއަހަރުގެ މިހާތަނަށްވެސް ސްކޭމްގެ 156 މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގިނަ މައްސަލަތަކުގެ ޝަރީއަތް ފަށާފައިވާ ކަމަށްވެސް އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް ރަޝީދާ ވިދާޅުވިއެވެ.