ޚަބަރު

ދައުލަތަށް ލިބެންޖެހޭ 13 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި، އެ ފައިސާ ހޯދާނަން: ރައީސް


  • އެސެޓް ރިކަވަރީއަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރައްވާކަމަށް ވިދާޅުވި

  • އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެކަން ފާހަގަކުރެއްވި

ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ 13 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ހޯދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވާފައެވެ.

ރައީސް ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިޔަން ރުފިޔާއެއް ނުހޯދައި ފާއިތުވި ސަރުކާރުތަކުން ދޫކޮށްލާފައިވާކަމަށެވެ. މިއީ ޤާނޫނީގޮތުން ލިބެންޖެހޭ ފައިސާތަކެއްކަން ފާހަގަކުރައްވާ، މިގޮތަށް ނުލިބި ހުރި ފައިސާގެ ތަފާސްހިސާބު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން މިހާތަނަށް ޖުމްލަ 13 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގިނައީ ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި ޓެކުހުގެގޮތުގައި ލިބެންޖެހޭ ފައިސާކަމަށް ރައީސް ވިދާޅުވިއެވެ.

"ބިމު ކުލީގެ ގޮތުގައި އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގަައި ނުހޯދާ، އެކަމު ދައުލަތަށް ލިބެންޖެހޭ ރައްޔިތުންގެ ފައިސާ މިއީ، 513 މިލިޔަން ޑޮލަރު އެބަހުރި. ޓީޖީއެސްޓީގެ ގޮތުގައި 102 މިލިޔަން ޑޮލަރު ނުހޯދާ، މިއީވެސް ލިބެންޖެހޭ ފައިސާ. ޖީއެސްޓީގެ ގޮތުގައިވެސް 3.3 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ނުހޯދާ. ކޯރޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ނުހޯދާ. ގާތްގަނޑަކަށް 13 ބިލިޔަން ރުފިޔާގެ ފައިސާ މިހުރީ ނުހޯދާ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ފައިސާ ހޯދިއްޖެނަމަ، މިއީ ދައުލަތުގެ ދަރަނީގެ މައްސަލަ އެއްކޮށްހެން ހައްލުކުރެވޭނެވަރުގެ އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާ ފައިސާތަކެއްކަމަށާއި، މި ސަރުކާރުން މި ފައިސާ ހޯދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ޙައްލުވީ. އެ މަސައްކަތް ކުރާނަން، އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން. މިހާރު މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަންވެސް ފަށައިފި. ސިޓީ ފޮނުވާލީމަ ފައިސާ ދައްކަން ފަށައިފި. ކަމަކާ އުޅުނީމަ ދެއްތޯ ލިބޭނީވެސް. ސިޓީ ފޮނުވީމަ މިދިޔަ ހަފްތާ ތެރޭގައިވެސް މީގެ ތެރެއިން އެއްބައި ފައިސާ ދައްކައިފި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ފައިސާ ހޯދުމަށް ކޯޓަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށެވެ. އެހެންނަމަވެސް އެހާ ހިސާބަށް ނުގޮސް މި އަދަދުގެ ދެބައިކުޅަ އެއްބައި ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމުގެ އިޤްތިޞާދީ ސިޔާދަތު ކަށަވަރުކޮށް ދަރަނިން ސަލާމަތްވުމަށްޓަކާ މި ފައިސާ ހޯދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމަށްވެސް ފަސްޖެހިވަޑައިނުގަންނަވާނެކަމަށާއި، އެފައިސާވެސް ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނުކުފާނު ވިދާޅުވީ، މިގޮތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ޚާއްސަކޮށްގެން އެސެޓް ރިކަވަރީ ޤާނޫނެއް ވުޖޫދަށް ގެންނަވާނެކަމަށާއި، އެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ކޮރަޕްޝަން ނައްތާލުމަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށާއި، ހެޔޮ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށްޓަކާ މުހިންމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.