ޚަބަރު

މާލޭގެ 4 ތަނެއް ބަލައި ފާސްކޮށް، 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް


  • އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަނެއް ފެށީ ޖޫންމަހުގެ 30ވަނަ ދުވަހު

ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ 4 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާއި ހިލާފަށް މަސައްކަތްކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިޤްރޭޝަނުން މިހާރު ކުރިއަށްދާ ހާއްސަ މަސައްކަތުގެ ދަށުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަނެއް ފެށީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. ފުލުހުންނާއި ގުޅިގެން ހިންގާ މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު 83 ބިދެސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން މާރުކޭޓުތަކާއި މާލެ ތެރޭގައި ހުރި ވިޔަފާރިކުރާ އެކިއެކި ތަންތަން އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަން ދަނީ ބަލާ ފާސްކުރަމުންނެވެ. އަދި މިހާތަނަށް 130އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާމެދުވެސް، ޤާނުނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ވިދާޅުވެފައެވެ.

ޝަމްޢާން ވަނީ އިމިގްރޭޝަން ޤާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު ފައިސާ މުޢާމަލާތްތައް ހިންގުމާއި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއެއް ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ ޤާނޫނީ ކުށެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ 50،000އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލަށް ލިބިދޭކަން ޝަމްޢާން ފާހަގަކުރެއްވިއެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭގޮތަށް ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ވަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. އަދި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.